ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވައިފި

ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވައިފި

ގުޅުންހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އަލަށް އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމިންގެ އިތުރުން އެޕާޓީގެ ވަގުތީ ރައީސް ޒޭންގެ އިތުރުން ސެނެޓްގެ އެހެން މެމްބަރުންވެސް ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވަ 4 ކޮމިޓީއަކަށް ބޭފުޅުން އިންތިޚާބު ކޮށްފައެވެ. އޭގެ ތެރޭގައި ސުލޫކީ  ކޮމިޓީއާއި އިސްތިއުނާފް ކޮމިޓީއާއި އިލެކްޝަންސް ކޮމިޓީގެ އިތުރުން މެމްބަރ އެފެއަރޒް ކޮމިޓީއަށް މެމްބަރުން ވަނީ އައްޔަން ކޮށްފައެވެ.

ސެނެޓްގެ ރުހުމާއެކު މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ކުރީގެ ރައީސް ޔާމިންއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންއެފް ރަޖިސްޓްރީކޮށް ދިނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ޕީއެންއެފްގެ މަސްއޫލުވެރިއަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.

ޕީއެންއެފް އުފެއްދުމަށް އީސީ އަށް ހުށަހެޅުއްވި އިރު، ޔާމީން ހުންނެވީ ޖަލު ހުކުމެއްގައެވެ. އެހެންވެ، ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވައެވެ. އޭރުގައި ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ. ކްރިމިނަލް ކޯޓުން ޔާމީން ޖަލަށްލާން ހުކުމް ކުރި ނަމަވެސް ދާދި ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައެވެ.

ޔާމީންގެ ފަރާތްޕުޅުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވީ އެމަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ މިނިސްޓަރު މަލީހް ޖަމާލެވެ.

ޔާމީން، ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ރާޅުގަނޑު ސަރަހައްދުގައެވެ. އެ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން މަސައްކަތް ކުރީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައެވެ. އެކަމަކު، ފަހު ވަގުތު އެ ސްކޫލުން ވަނީ ޕީއެންއެފްއާ އެކުގައި ހެދި އެއްބަސްވުން ބާތިލްކޮށްފައެވެ.

އެއްބަސްވުން ބާތިލް ކުރި ނަމަވެސް ޕީއެންއެފުން ވަނީ އެ ޖަލްސާ ސްކޫލްގައި ބާއްވަން މަސައްކަތްކޮށްފައެވެ. އެހެންވެ، އެކަން ހުއްޓުވައި ދިނުމަށް ސްކޫލްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅުމުން މިނިސްޓްރީގެ އެދުމަށް ފުލުހުން އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓިއެވެ. އަދި ފުލުހުންނާއި ޕީއެންއެފްގެ މެމްބަރުންނާ ދެމެދު ކުރިމަތިލުން ހިނގައި ބައެއް މީހުންގެ ގަޔަށް ޕެޕާ ސްޕްރޭ ވެސް ޖެހިފައެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން އެންމެ ފަހުން ޖަލްސާ ރާޅުގަނޑަށް ބަދަލުކޮށް ޕާޓީގެ މަގާމުތަކަށް މެމްބަރުން ވަނީ އައްޔަންކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ