ޔާމިންގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލް ކޮށްފި

ޔާމިންގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލް ކޮށްފި

Author
ހުސެއިން
17 އޭޕްރިލް 2024 06:37
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިިއުނާފީ މައްސަލައިގެ ހުކުމް މާދަމާ އިއްވާ ގޮތަށް ހައިކޯޓުން މައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑަރިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓްގައި ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު 21ގައެވެ. އެއީ އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެވެ. ދެން އޮންނާނީ ހުކުމް ކުރުންކަމަށް ވިޔަސް މިހާތަނަށް އެ މައްސަލަ ހައިކޯޓުން ތާވަލުކޮށްފައެއް ނުވެއެވެ.

ޔާމިންގެ މައްސަލަ ލަސްވެގެންދިއުމުގެ ޝަކިވާތައް އިންތިހާއަށް ބޮޑުވެފައި ވަނިކޮށް، މަޖިލިސް ރައީސް އަސްލަމް ވަނީ ރައީސް  ޔާމީނުގެ އިސްތިއުނާފުގެ ޝަރީއަތް ލަސްވަމުންދާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިމަހުހެ 13 ވަނަ ދުވަހު ހުށަހަޅުއްވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންނަށް އައްޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވެފައިވަނީ ހައި ކޯޓުގައި ހުކުމާ ހަމަޔަށް ގޮސް، ހަތަރު މަސް ވީ އިރުވެސް، އެ މައްސަލައިގައި ހުކުމް ނީއްވައި ލަސްކުރަމުންދާތީ ދޭހަ ވަނީ ސަރުކާރުން މިކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ އަތްބާނަމުންދާ މިންވަރު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް އެ ޖަލްސާގައި ވިދާޅުވީ ޔާމީން ޝަރީއަތް ލަސްވާ މައްސަލަ  ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމުގައެވެ.

ޔާމިންގެ މައްސަލަ ލަސްވަމުން ދިއުމުގެ ޒިންމާ އެމަނިކުފާނު އަޅުއްވަމުން ގެންދަވަނީ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.