ގަވާއިދާ ޚިލާފަަށް މީހުން އުމްރާއަށް ގެންދާ ޖަމާއަތެއްގެ މައްސަލަ ޕޮލިހަށް ހުށަހަޅައިފިއެވެ.
އިސްލާމިކް މިނިސްޓަރު މިއަދު ކުރީ އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުޞޫލުތަކާ ޚިލާފަށް މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާޢަތެއްގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް މިއަދު ޕޮލިހަށް ހުށަހަޅާނެ ކަމަށެވެ.
ގަވާއިދާ ޚިލާފަަށް މީހުން އުމްރާއަށް ގެންދާ ޖަމާއަތެއްގެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާއިރު، މަޝްޢަރު ޓުއާސް ނަމަކަށް ކިޔާ ގުރޫޕެއްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ރާއްޖެ ނާދެވި މައްކާގައި ވަނީ ތާށިވެފައެވެ.
އެނގިފައިވާ ގޮތުގައި މި ގުރޫޕްގެ އެހީގައި 50 މީހުން އުމްރާއަށް ގޮސްފައި ވެއެވެ. އެމީހުން އުމްރާގެ އަޅުކަމަށްފަހު ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ އިއްޔެއެވެ. އެހެންނަމަވެސް އެންމެ ފަހުވަގު އެ ގުރޫޕުން ހައްޖަށް ދިޔަ މީހުންނަށް އަންގާފައިވަނީ ޓިކެޓްތައް ކެންސަލްވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ގުރޫޕުން އުމްރާއަށް ދިޔަ 50 މީހުންނަށް މިހާރު އަންގާފައިވަނީ އަމިއްލައަށް ޓިކެޓް ނަގައިގެން ރާއްޖެ ދިއުމަށެވެ.
އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތި މީސްމީހުންގެ އަތުން ފައިސާ ނަގަމުންދާތީ، މަޝްއަރު ގުރޫޕާއި އިތުރު ޖަމާއަތަކާ މެދު ސަމާލުވުމަށް މިދިޔަ ޖެނުއަރީ މަހު އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
މަޝްޢަރު ޖަމާޢަތުން އުމްރާއަށް ގެންދިޔަ މީހުން ރާއްޖެ އައުމަށް ޓިކެޓް ކެންސަލް ވެފައިވާއިރު އެގްރޫޕް ގޮވައިގެން ކޯޓަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ޓިކެޓް ވިއްކި ޓްރެވަލް އެޖެންސީން މިހާރުވަނީ ދީފައެވެ.
މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހުއްދަ މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ވަނީ ބާތިލް ކޮށްފައެވެ. އެހެންނަމަވެސް މިފަހަރު އެގުރޫޕުން މީހުން އުމްރާއަށް ގެންގޮސްފައި ވަނީ އެ ޖަމާއަތުގެ ނަމަށް އެ ގްރޫޕްގެ ނަން ޓްރެވެލް އެޖެންސީއެއްގެ ނަމަށް ބަދަލު ކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ