މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝަށް އިއްޔެ ހަވީރު ގއ. މާމެންދޫއިން ދިން ހަމަލާ މާލެސިޓީ ކައުންސިލުން ކުށްވެރިކޮށް، އެހަމަލާ ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޕޮލިހަށް ގޮވާލާއިފިއެވެ.
ނަރީޝްއަށް ހަމަލާ ދީފައިވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭންގައި ގއ. މާމެންދުގައި އުޅެނިކޮށެވެ.
ސިޓީކައުންސިލުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ނަރީޝަށް ދިން ހަމަލާ އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި ބަޔާނުގައި ބުނެފައިވަނީ މިކަން ކުރި ބަޔަކު ވީ އެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް ގޮވާލާކަމަށެވެ.
އެނގިފައިވާ ގޮތުގައި ނަރީޝްއަށް ހަމަލާ ދީފައިވަނީ އޭނާ ކެމްޕޭނަށް އިއްޔެ ގއ. މާމެންދޫއަށް ވަޑައިގަތުން އެމްޑީޕީގެ އެކްޓިވިސްޓުނާ ދެމެދު ހިނގި ޒުވާބެއްގައެވެ. އޭނާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ޒުވާބުގެ ތެރޭގައި ފަހަތުން އައި މީހަކު އޭނާގައި ގޮށްމުށްކަވާފައި ދެފަހަރަކަށް ޖަހާފައި ވާކަމަށެވެ.
އެމައްސަލައާއި ގުޅިގެން އެކަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.