ޕީއެންސީގެ އަމަލުތައް ކުށްވެރިކުރުމުގައި އުޅުނު އެމްޑީޕީގެ ކުއްޖަކަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހަމަލާދިންކަމަށް ބުނެ މައްސަލަ އެމްޑީޕީން ޕޮލިހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގއ. ކޮލަމާފުށި ދާއިރާއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ އަމަލުތަކާ ގުޅޭ ގޮތުން އެޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގއ. ކޮލަމާފުށި ދާއިރާއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓް އިއްޔެ (23 މާރޗް 2024) ގައި އެ ދާއިރާގެ މާމެންދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ، އެ ރަށުގައި ހުރި އެ ޕާޓީގެ ކެންޑިޑޭޓްގެ ބެނަރ ތަކާއި ޕޯސްޓަރުތަކުގައި ފިޔާތޮށި ކުލައިގެ ފޮތި އަޅައި، އެ ޕާޓީގެ ކެންޑިޑޭޓްގެ ކެމްޕެއިންއަށް ހުރަސްއެޅުމުގެ ގޮތުން ހިންގާފައިވާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ.
އެމްޑީޕީން ބުނެފައިވަނީ އެކަން އެގޮތަށް ހިނގާފައިވަނިކޮށް، އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ އެ ނާތަހުޒީބު އަދި ޑިމޮކްރަޓިކް އުސޫލުތަކާ ޚިލާފު އަމަލުތައް ކުށްވެރިކޮށް އެ ޕާޓީގެ ސަޕޯޓަރުންގެ ފަރާތުން އަޑުއުފުލާ ހިޔާލު ފާޅުކުރުމަށްވެސް ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިންގެ ފަރާތުން ހުރަސްއަޅާފައިވާ ކަމުގައެވެ.
އެގޮތުން، ޕީއެންސީގެ ކެންޑިޑޭޓާއެކު މާމެންދޫ އަށް ގޮސް އުޅޭ ޓީމުގައި ހަރަކާތްތެރިވަމުންދާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވަނީ، ޕީއެންސީގެ މި އަމަލުތައް ކުށްވެރިކުރުމުގައި އުޅުނު ކުއްޖަކަށް ހަމަލާދީފައިކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ދައުލަތުގެ އިންތިޚާބީ މަގާމެއްގައި ހުރެ، އަދި ސަރުކާރު ތަމްސީލުކުރާ ޕާޓީގެ އިސް ފަރާތެއްގެ ގޮތުގައި ހުރެ ޑެޕިއުޓީ މޭޔަރގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މި އަމަލުތައް ލޮލަށް ފެނުނު ހެކިންގެ މައުލޫމާތާއެކު، މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ވާނީ މައްސަލަ ހުށަހަޅާފައެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްޑީޕީން ބުނެފައިވަނީ، އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް، އަދި ވާދަވެރި ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހިންގާފައިވާ މި އަމަލުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް އެޕާޓީން ގޮވާލާ ކަމުގައެވެ.
ހަމައެއާއެކު، ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން، އެކަކު އަނެކެއްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިނުގަނެ، ސުލްހަވެރި ކެޕްމެއިން އެއް ކުރިއަށް ގެންދެވޭނެ މާހައުލު ފަހިކޮށްދިނުމަށާއި، ވަކިން ޚާއްސަކޮށް، ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލުކުރާ ފަރާތްތަކުގެ ކިބައިން މިފަދަ އަމަލުތައް ކުރިއަށް އޮތް ތަނުގައިވެސް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ކުރާންޖެހޭ އެންމެހައި ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ގޮވާލާކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ