ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުއަށް ޓިކެޓް ކަށަވަރު ވެފައި ވަނިކޮށް އެމްޑީޕީން އޭނާއަތުން ޓިކެޓް އަތުލި މައްސަލަ ޖާބިރު ސިވިލް ކޯޓަށް ހުށައަޅުއްވައިފިއެވެ.
ޖާބިރު، އެމްޑީޕީން ވަކިކޮށް ޓިކެޓު އަތުލީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އަދި ކެނޑިޑޭޓަކަށް ވެ ހުންނަވައި، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް އާންމުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާ މައްސަލައިގަ އެވެ.
އެމްޑީޕީގެ ސުލޫކީ ކޮމެޓީން ނިންމީ އެމްޑީޕީގެ ފަރާތުން ޖާބިރަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އޭނާ ޕާޓީން ވަކިކުރުމަށެވެ.
ޖާބިރު އަތުން ޓިކެޓް އަތުލައި، އެޓިކެޓް ދީފައިވަނީ ކުރީ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީއެއްގެ މަގާމުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލް ނަސީރަށެވެ.
ޖާބިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށައުއްވި މައްސަލާގައި ވަނީ ޓިކެޓު އަތުލުމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން އެދިފަ އެވެ. މީގެއިތުރުން އެމްޑީޕީން ކާށިދޫ ދާއިރާގެ ޓިކެޓް މިހާރު ދީފައިވާ ނަސީރުގެ ޓިކެޓު ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ޖާބިރު ވަނީ އެދިފައެވެ.
ޖާބިރު މީގެކުރިން ވަނީ އެ މައްސަލަ އެމްޑީޕީގެ އިސްތިއުނާފް މަޖިލީހަށް ވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް ޓިކެޓް ނަސީރަށް ދީފައިވަނީ އިސްތިއުނާފްގެ މައްސަލަ ނުނިމި ވަނިކޮށެވެ.
ނިމިދާ ނަވާރަ ވަނަ މަޖިލިސް އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައިވެސް ކާށިދޫ ދާއިރާގެ ޓިކެޓު ހޯއްދަވަން އޭނާ ޕްރަައިމަރީޣައި ކުރިމަތިލެއްވި އެވެ. އެކަމަކު، އެ ފަހަރު އޭނާ އަށް ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގެންނެވި އެވެ.
އެ ނާކާމިޔާބީއާ އެކީގައި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވައި، ޖާބިރު ވަނީ ކާށިދޫ ދާއިރާގެ ގޮނޑި އަށް އިންތިހާބުވެވަޑައިގެންފަ އެވެ.
އޭރު ގާނޫނު އޮތް ގޮތުން ޕްރައިމަރީއަކުން ބަލިވުމަށް ފަހު އަމިއްލަ ގޮތުން ވެސް ވާދައެއް ނުކުރެވެ އެވެ. އެކަމަކު ޖާބިރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން އެ މައްސަލަ ކާމިޔާބުކުރައްވައި އިންތިހާބު ވެސް ކާމިޔާބުކުރެއްވި އެވެ. އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ގާނޫނީ ވަކީލު ނަސީރަކީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާ އަށް ވާދަކުރައްވައި ބަލިވި ކެންޑިޑޭޓެކެވެ. ނަސީރުގެ މައްޗަށް އެ ދާއިރާގައި ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލިމަނިކު (މޫކޭ) އެވެ.