ޓިކެޓް އަތުލާ، ޖާބިރު އެމްޑީޕީން ވަކިކޮށްފި

ޓިކެޓް އަތުލާ، ޖާބިރު އެމްޑީޕީން ވަކިކޮށްފި

Author
ހުސެއިން
05 ފެބްރުއަރީ 2024 08:57
0

20 ވަނަ ރައްޔިތުންގެ މަޖިލިސްގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާ ކާމިޔާބުކުރެއްވި ހ.ތިމާވެށި އަބްދުﷲ ޖާބިރު، އެ ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ، މި ކަމަކީ އެމްޑީޕީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމުގައިވާތީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމައިފިއެވެ.

ފިޔަވަޅުއަޅާ ކޮމިޓީގެ ނިންމުން ހާމަކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހ.ތިމާވެށި އަބްދުﷲ ޖާބިރު އެ ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައިވީނަމަވެސް އެފުރުސަތު ލިބޭނީ އެ ޕާޓީގެ ޤައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމާގޮތެއްގެ މަތިންކަމަށާއި އަދި އެޕާޓީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައިވީނަމަވެސް ޖާބިރު އެ ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން މީލާދީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތެއް ވަންދެން ޕާޓީގެ އެއްވެސް މަޤާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފައެވެ.

ޖާބިރު ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ. އޭނާ އެމްޑީޕީއާއި ގުޅިވަޑައިގަތީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަނިކު
ހ.ތިމާވެށި އަބްދުﷲ ޖާބިރު، އެ ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދަނީ އިއްޔެއަކު މިއަދަކު ނޫނެވެ. އެމްޑީޕީން އެކަމާބެހޭގޮތުން ކިތަންމެ ދިގު ނޫސްބަޔާނެއް ނެރުނުކަމުގައިވިޔަސް ޖާބިރު ވަކިކުރީ ރޮޒޭނާއާ ޕްރައިމަރީޒްގައި ނާކާމިޔާބު ލިބުނީމާ އޭނާއަށް ޓިކެޓް ދޭންވެގެންނެވެ. އަނެއް ސަބަބަކީ އެމްޑީޕީން ރިޔާސީބަޔާން ހުށަހަޅާޖަލްސާ ބޮއިކޮޓްކޮށްފަ އޮއްވަ ޖާބިރު ޖަލްސާއަށް ދިޔައިމައެވެ. އެމްޑީޕީއަކީ ނަމުން ޑިމޮކްރެޓިކް ހެދިގެން ހުދުމުތާރުކޮށް ކަންކަންކުރަމުން އަންނަ ބައެއްކަން މުޅިރާއްޖެ ހެކިވާނެއެވެ. ޖާބިރުއާ ދޭތެރޭގައި ފިޔަވަޅުއަޅާނީ، އޭނާ ޕްރައިމަރީޒުގައި ވާދަކޮށް ކާމިޔާބުހޯދާ ޓިކެޓްލިބުނީމައެއް ނޫނެވެ. އޭގެކުރިންވެސް އެމްޑީޕީން ތިކަން ކުރިނަމަ މިއަދުތިޔަ ވާހަކަތައް ދައްކާކަށް ނުޖެހޭނެއެވެ. ޖާބިރުއާމެދު ތިގޮތަށް ތިކަން ކުރިޔަސް އެންމެ އިންޗިއެއްވެސް ޖާބިރު ދުލެއްނުކުރާނެއެވެ. ކާށިދޫދާއިރާއަކީ މީގެކުރިންވެސް ޖާބިރު އަމިއްލަގޮތުން ކުރިތިލައިގެން ހޯދާފައިވާ ދާއިރާއެކެވެ. އެމްޑީޕީން ކިތަންމެ ވަރަކަށްތެޅުނަސް ޖާބިރަށް ދެރަގޮތެއް ނުހެދޭނެއެވެ.