ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް: ޕީޕީއެމް

ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް: ޕީޕީއެމް

Author
ހުސެއިން
28 ޖެނުއަރީ 2024 12:34
0
ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމުގައި ސަރުކާރު ކޯލިޝްގައި ހިމެނޭ ޕީޕީއެމްއިން ބުނެފިއެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާގައި ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސް އިން ނިންމުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ޕީޕީއެމްއުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޤާނޫނީ ގޮތުން ރައްޔިތުން އިންތިޚާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ޤާބިލު ބޭފުޅުން ޢައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމުގައެވެ

މި ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދައުލަތުގެ ވުޒާރަތައް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ޤާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝާނުން ޝައްކެއް ނުކުރާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމާމެދުވެސް އެކޯލިޝަނުން އެއްވެސް ޝައްކެއް ނުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުޞަތު ދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.