އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު މިއަދު ހެނދު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިންވެސް ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމުގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންއިން ވިދާޅުވެއްޖެއެވެ.
ހައިކޮމިޝަންކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފޮރިން މިނިސްޓްރީގެ އެމްދެސެޑަރ އެޓް ލާޖް ޑރ. އަލީ ނަސީރުއާއެކު ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ވަޑައިގެން ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ.
High Commissioner Munu Mahawar had a pre-arranged meeting with H.E. Dr Ali Naseer Mohamed, Ambassador at Large, at MoFA, Maldives, today to discuss bilateral issues.
— India in Maldives (@HCIMaldives) January 8, 2024
ފޮރިން މިނިސްޓްރީގައި އިންޑިއާގެ ސަފީރު ބޭއްވެވި ބައްދަލުވުމުގެ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި ބައްދަލުވުމަކީ ކުރިން ތާވަލް ކޮށްފައި އޮތް ބައްދަލުވުމެއްކަމަށް އިންޑިއާގެ ހައިކޮމިޝަންއިން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ސަފީރު މަހާވަރު ހާޒިރުކުރީކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނިކޮށެވެ.
އެހެންނަމަ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހިމް ޝަހީބް މިއަދު އިންޑިއާއިންވަނީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވާން އަންގައިފިއެވެ.
ޝަހީބް ފޮރިން މިނިސްޓްރީއަށް ހާޒިވާން އަންގާފައިވަނީ ސޯޝަލް މީޑިއާޕްލެޓްފޯމްތަކުގައި އިންޑިއާގެ ލީޑަރުންނާއި ސަރުކާރަށް ފާޑުކިޔާ، އިހާނެތި ކޮށް ވާހަކަ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ކުރި ޕޯސްޓުތަކާއި ގުޅިގެންނެވެ.
އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ޝަހީބް ހާޒިރުކޮށްފައި ވަނީ މިއަދު ހެނދުނު 9:00 ގައެވެ. އެ ބައްދަލުވުމާއި ގުޅޭ އެއްވެސް މައުލޫމާތެއްވެސް ދެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާޕްލެޓްފޯމްތަކުގައި ބޭރުގެ ލީޑަރުންނާއި މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އިހާނެތި ކޮށް ވާހަކަ ދައްކަމުންދާކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް އައިފައިވާ ކަމަށާއި، މި ޚިޔާލުތަކަކީ ޚިޔާލުފާޅުކުރާ ފަރާތްތަކުން އަމިއްލަ ޚިޔާލުތަކެއް ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެފައިވަނިކޮށް އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި ޕޯސްޓްކުރި ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިއްޔެ ސަރުކާރުން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.
އެ މައްސަލާގައި ސަސްޕެންޑްކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާނެވެ.
ސޯޝަލް މީޑިއާޕްލެޓްފޯމްތަކުގައި ބޭރުގެ ލީޑަރުންނާއި މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އިހާނެތި ކޮށް ވާހަކަ ދައްކަމުންދާކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް އައިފައިވާ ކަމަށާއި، މި ޚިޔާލުތަކަކީ ޚިޔާލުފާޅުކުރާ ފަރާތްތަކުން އަމިއްލަ ޚިޔާލުތަކެއް ކަމަށްވެސް މިމައްސަލާގައި އިއްޔެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެކްސްގައިކުރި ޕޯސްޓަކަށްފަހު، އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖެއާއި ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ފެށުމާއި ގުޅިގެން، ރާއްޖޭގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން، ރާއްޖެއާއި ދެކޮޅަށް ހިންގަމުންދާ އެންޓި ކެމްޕޭނަށް ރައްދު ދޭން ފެށުމާއި ގުޅިގެން މައްސަލަ ހޫނުވެފައި ވަނިކޮށް، ފޮއިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، އިންޑިއާގެ ވެރީންނަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ފާޅުކުރި ޚިޔާލުތަކަކީ، ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ޚިޔާލުތަކެއް ނޫން ކަމަށެވެ.
އަދި މި ބަޔާނުގައި ވިދާޅުވެފައިވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތު ނުފެތުރުމާއި، ރާއްޖެއާއި ބައިނަލްއަޤްވާމީ ބައިވެރިންގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް ކަމަށެވެ.
އަދި އެފަދަ އިހާނެތި ބަސްތައް ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފަސްނުޖެހޭނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކުރެވެމުންދިޔަ މި ބަހުސްގެ ތެރެއަށްވަދެ، އިންޑިއާއަށް ފާޑުކިޔަން ފެށުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެވެމުންދާ ބަހުސްވަނީ ހޫނުވެފައެވެ. އަދި އިންޑިއާގެ ބައެއް ނޫސްވެރިންނާއި ސޯޝަލް މީޑިއާ ބައެއް އެކްޓިވިސްޓުންވަނީ ރައީސް މުއިއްޒުގެ ސަރުކާރަށްވެސް ފާޑު ކިޔާފައެވެ.
އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ޖަޒީރާ މަންޒިލެއް ކަމުގައިވާ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރަން އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޕޯސްޓާއެކު, ރާއްޖެއާ ދެކޮޅަށް އިންޑިއާގެ މީސް މީޑިއާގެ ވަސީލަތްތަކުގައި ކެމްޕޭނެއް ފެށީ ފާއިތުވި ހަފްތާގައެވެ.
ލަކްޝަޑްވީޕް އަކީ، ރާއްޖެއާއި ޖޯގްރަފީގެ ގޮތުން އެއްގޮތްކަން ހުރި، އަތޮޅެއްގެ މައްޗަށް އެކުލެވޭ ރަށްތަކެކެވެ. އެ ރަށްތަށް އޮންނަނީ ހދ. އަތޮޅު މަތިން އިންޑިއާ އާ ދެމެދުގައެވެ. އިންޑިއާގެ މަލިކަކީ ލަކްޝަޑްވީޕްގެ ބައެކެވެ.
ފާއިތުވި ހަފްތާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ލަކްޝަޑްވީޕްއަށް ޒިޔާރަތް ކުރައްވާ، އެ ރަށްތަށް ޕްރޮމޯޓު ކުރުމަށް ސޯޝަލް މީޑިއާގައި ވީޑިއޯތަކެއް ޕޯސްޓު ކޮށްފައެވެ. މޯޑީ ވިދާޅުވެފައިވަނީ އެ ރަށްތަކުގައި ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
މޯޑީވަނީ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރުމުގެ ގޮތުން، އެރަށުގެ ޤުދުރަތީ ތީރިކަން ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކާއި, އަދި ފީނުމަށް ވަޑައިގެންވި މަންޒަރުތައް ވެސް އެކްސްގައި ޕޯސްޓު ކުރައްވާފައެވެ.
މޯދީގެ އެކްސް ޕޯސްޓާއެކު އިންޑިއާގެ އެންމެ ޓްރެންޑިން ޓޮޕިކަކަށް ލަކްޝަޑްވީޕް ވެގެން ގޮސްފައި ވެއެވެ. އަދި އެތަނަށް ޒިޔާރަތްކުރުމުގެ ޝައުގުވެރިކަން އެތައްބަޔަކު ވަނީ ފާޅު ކޮށްފައެވެ.
އެހެންނަމަވެސް މޯޑީގެ އެކް ޕޯސްޓާއެކު ގިނަ ބަޔަކު ލަކްޝަޑްވީޕް ރާއްޖެއާއި އެއްގޮތް ކޮށްފައިވިނަމަވެސް، އިންޑިއާގެ ބައެއް ނޫސްވެރިންނާއި އަދި ސިޔާސީ ބައެއް ފަރާތްތަކުންވެސް ވަނީ ރާއްޖެއާއި ވާދަވެރި އެތައް ޓުވީޓުތަކެއް ކޮށްފައެވެ. އަދި ބައެއް ފާރާތަތްކުންވަނީ، "ޗައިނާއަށް ތާއީދުކުރާ ރާއްޖެއަށް" އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނުގޮސް ލަކްޝަޑްވީޕް ދިއުމަށްވެސް ގޮވާލާފައެވެ.
އިންޑިއާގެ މީސް މީޑިއާގައި ފާޑު ކީ ބައެއް ފަރާތްތަކުން ވަނީ ލަކްޝަޑްވީޕްގައި ޓޫރިޒަމް ފެށުމާއެކު ރާއްޖެއިން "އިންޑިއާ އައުޓް"ވާނެ ކަމަށް ބުނެ، ކުރީގެ އިދިކޮޅު ފަރާތްތަކުން ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަށް މޭރުންކޮށްވެސް އެކްސް ޕޯސްޓު ކޮށްފައެވެ.
އަދި މޯޑީގެ މި ޕްރޮމޯޝަނަލް ޕޯސްޓަކީ އިންޑިއާއިން ރާއްޖެއަށް އިތުރަށް ބޭނުން ނުވާކަމުގެ ސިގްނަލެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
އިންޑިއާއަކީ 2023 އަދި 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަންޒިލްކަން ފާހަގަކޮށްލެއެވެ