އިމްރާން ޚާންއަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ޕާކިސްތާނުގެ އިންތިޚާބީ އިދާރާއިން ނިންމައިފި

އިމްރާން ޚާންއަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ޕާކިސްތާނުގެ އިންތިޚާބީ އިދާރާއިން ނިންމައިފި

Author
ހުސެއިން
30 ޑިސެމްބަރ 2023 11:01
0

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއަށް 2024 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހެޅުއްވުމުން އޭނާގެ ނަން ބަލައި ނުގަތުމަށް ޕާކިސްތާނުގެ އިންތިޚާބީ އިދާރާއިން ނިންމައިފިއެވެ.

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ އިންތިހާބުގައި ދެ ދާއިރާއަކަށް ވާދަކުރެއްވުމަށް އިމްރާން ޚާންގެ ޕާޓީން އޭނާގެ ނަން ހުށަހެޅިއެވެ. އެހެންނަމަވެސް އޭނާގެ އެޕްލިކޭޝަން ބަލައި ނުގަތުމަށް އެ ގައުމުގެ އިންތިހާބީ އިދާރާއިން ނިންމާ، އެ ފޯމުތައް ބާތިލްކޮށްފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ އޭނާގެ ޕާޓީގެ މީޑިއާ ޓީމުން ވަނީ ބުނެފައެވެ.

އުމުރުން 71 އަހަރުގެ ކުރީގެ ކްރިކެޓް ތަރި، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ބޮޑުވަޒީރުކަމުން ދުރުކުރި ފަހުން ދަނީ ސިޔާސީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލަމުންނެވެ.

އެގޮތުން، 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވިއިރު ގާނޫނާ ހިލާފަށް ދައުލަތުގެ ހަދިޔާ ވިއްކުމުގެ ކުށުގައި މިދިޔަ އޮގަސްޓް މަހު ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ފަހުން އާންމުންގެ ތެރެއިން އިމްރާން ޚާން ފެނިފައެއް ނުވެ އެވެ.

އިމްރާން ޚާންއަށް އިންތިޚާބުތަކުގއި ވާދަ ނުކުރެވޭކަމަށް ކަނޑައަޅާފައިވި ނަމަވެސް، އިމްރާންގެ މީޑިއާ ޓީމުން ބުނީ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ އިންތިހާބުގައި ވާދަކުރުމަށް އިމްރާން ފޯމު ހުށަހަޅުއްވާފައިވާކަމުގައެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރި ކެންޑިޑޭޓުންގެ ލިސްޓުގައި ބުނެފައި ވަނީ އިމްރާންގެ ނަން ބާތިލްކުރީ އޭނާ އަކީ އެ ދާއިރާގެ ރަޖިސްޓްރީކޮށްފައިވާ ވޯޓަރަކަށް ނުވާތީ އާއި "ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، ގޮނޑި ނުގެއްލޭ" ތީ ކަމަށެވެ.

އޭނާގެ މީޑިއާ ޓީމުން ބުނީ އޭނާގެ އުފަން ރަށް މިޔަންވާލީއިން އިންތިހާބުގައި ވާދަކުރެއްވުމަށް ވެސް އެ ކޮމިޝަނުން އޭނާގެ ނަން ބާތިލްކޮށްފައިވާ ކަމަށެވެ. ގައުމުގެ އެންމެ މަގުބޫލު ލީޑަރުގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ އިމްރާން ބުނީ ބާރުގަދަ އަސްކަރިއްޔާއިން އޭނާއަށް ޓާގެޓް ކުރަމުން އަންނަ ކަމަށާއި އެ މީހުން ބޭނުންވަނީ އޭނާ އިންތިހާބުން ދުރުކުރަން ކަމަށެވެ.

ނަމަވެސް އަސްކަރިއްޔާއިން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ. ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ކަފާލާތުގެ ދަށުން އިމްރާން ދޫކޮށްލީ މިދިޔަ ހުކުރު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.