ރެސްކިއު ޑައިވަރ ފެންވަރަށް މަސްވެރިން ތަމްރީންކުރުމަށް ޑައިވް ޓްރެއިނިންގ ހިންގާނެ ޑައިވް އިންސްޓްރަކްޓަރުން ކޮންސަލްޓަންޓުންގެ ގޮތުގައި ހޯދަން ފިޝަރީޒް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މަސް ދޯނިފަހަރުގައި ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއްފަޅުވެރިޔަކު ބެހެއްޓުމަށްޓަކައި ތަމްރީން ފަށުމަކީ ސަރުކާރުގެ ހަފްތާ 14ގައި ހިމަނާފައިވާ މަސްވެރިކަމުގެ މުހިންމު ސިޔާސަތެކެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ޑައިވްކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަގްސަދުގައި ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިޔަކީ "ރެސްކިޔު ޑައިވާ" ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ހެދުމަށް ރެސްކިޔު ޑައިވާ ޕްރޮގްރާމްގެ ދަށުން ރެސްކިޔު ޑައިވާ ފެންވަރުގެ ކޯސްތައް ހިންގުމަށް ބޭނުންވާކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
މައުލޫމާތު ސާފުކުރުމުގެ ސެޝަން އޮންނާނީ އަންނަ ޖެނުއަރި މަހުގެ ހަތަރެއްވާ ބުރާސްފަތި ދުވަހުގެ އެގާރަ ޖަހާއިރު ވެލާނާގެ ހަތްވަނަ ފްލޯގައެވެ. އަންދާނީ ހިސާބު ހުށަހެޅުން އޮންނާނީ ނުވައެއް ޖެނުއަރީވާ އަންގާރަ ދުވަހު އެގާރަ ޖަހާއިރު ވެލާނާގެ ހަތްވަނަ ފަންގިފިލާގައިކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ހުށައަޅާފައިވަނީ ވައިފުޅިއަޅައިގެން ފީނައިގެން އެންދަމާ މަސް ދޯނިފަހަރުގައި ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއްފަޅުވެރިޔަކު ބެހެއްޓުމަށް މަސް ދޯނިފަހަރަށް އަމާޒުކޮށް ޑައިވިންގ ތަމްރީން ޕްރޮގްރާމެއް ހިންގުމަށެވެ.
ވައިފުޅި އަޅައިގެން ފީނުމާއި ގުޅޭ ރަނގަޅު މައުލޫމާތާއި ތަމްރީން ނުލިބި މިކަން ކުރުމުގެ ސަބަބުން މީގެކުރިން ބައެއް މަސްވެރިންނަށް ސިއްހީގޮތުންވެސް ބޮޑެތި ގެއްލުންތަކާއި ވަނީ ކުރިމަތިވެފައެވެ. އަދި ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސްވެރިންގެ މައުލޫމާތު އެއްކޮށް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް މަސްވެރިކަމާއި ގުޅޭ ވުޒާރާއިން ދަނީ ކުރަމުންނެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ބޭނުންވާ ތަޢުލީމާއި، ތަމްރީންތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ