މި ސަރުކާރުގެ ވަޒީރުންނަށް ރުހުންދޭން، ދައުރުން ބޭރުގެ ޖަލްސާއެއް ބޭއްވިދާނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިޔަށްދާ މަޖިލިހުގެ މިދައުރުގެ ފަހު ޖަލްސާގެ ރިޔާސަތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މިއަދުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް، މެމްބަރުން އެދިވަޑައިގަންނަވާނަމަ ވަޒީރުންނަށް ރުހުން ދޭން ދައުރުން ބޭރު ޖަލްސާއެއް ބޭއްވިދާނެ ކަމުގައެވެ. އޭނާ ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ރިޕޯޓު ފޮނުވައި، މެންބަރުން އެދިވަޑައިގެންފިނަމަ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ ބޭއްވިދާނެ ކަމުގައެވެ.
މީ މި ދައުރުގެ އެންމެ ފަހު ޖަލްސާ ކަމުގައި ދަންނަވަން، އެހެންނަމަވެސް ސަރުކާރުން ހުށަހަޅުއްވާފައިވާ މުހިންމު މައްސަލައެއް ކަމަށްވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ މަސައްކަތް މިވަނީ ނުނިމި. މި މައްސަލައިގެ ރިޕޯޓް ކޮމިޓީން ނިންމަވައި ކޮމިޓީން ފޮނުވުމުން އިއްޒަތްތެރި މެންބަރުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ގަވައިދުގެ މަތީން އެދިވަޑައިގެންފިނަމަ އެޖަލްސާއަކަށް އެ ރިޕޯޓް އެޖެންޑާކޮށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށް މަސައްކަތް ކުރާނެ ވާހަކަވެސް ދަންނަވަން.
އަސްކަމް ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލިހަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވި ރިޕޯޓު ފުރިހަމަ ނުވާކަމަށް ނިންމާ، ރިޕޯޓު އެޖެންޑާއިން އުނިކޮށް އަލުން އިސްލާހު ކުރުމަށް ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ 18 ގައެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތަޅުމުން ފާސްނުކޮށް ކޮމިޓީއަށް ފޮނުވާފައިވަނީ، ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ މިނިސްޓްރީތަކަށް ގެނައި މެންޑޭޓް ފާސްނުކޮށްކަމަށް ބުނެއެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދިނުމުގެކުރިން އެ ވަޒީރުންގެ ވުޒާރާތަކުގެ މެންޑޭޓް ކޮމިޓީން ފާސްކުރަން ޖެހޭނަކަމަށް މަޖިލިސް ތަޅުމުން ވަނީ ނިންމާފައެވެ.
ވަޒީރުންނަށް ރުހުން ދިނުން މިއަދުގެ ޖަލްސާއަށްވެސް އެޖެންޑާ ކޮށްފައެއް ނުވެއެވެ.
މިއަދި އޮންނަ މަޖިލިސް ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ އިތުރުން ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު އުވާލުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.
އޭގެ އިތުރުން، މަޖިލީހުގެ މާދަމާގެ ޖަލްސާާގަ، ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17 ގައި އުފައްދަވާފައިވާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމަށްޓަކައި ފޮނުއްވަވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައާއި ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ)ގެ ދަށުން "މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ގައި ރާއްޖޭން ބައިވެރިވުމާމެދު މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ދާއިމީ ކޮމިޓީ ފޮނުވުމެވެ.
އޭގެ އިތުރުތަށް އެޖެންޑާގައި ވަނީ މެމްބަރުން ބިލްތަކަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޑިސެމްބަރު މަހު މަޖިލިސް ޗުއްޓީއަށްދާނެއެވެ. ނަމަވެސް މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދީ ދިގުދަންމާލާފައިވާތީ މަޖިލީހުގެ ދައުރު ނިމުންވެސް ލަސްކުރީއެވެ. މިއަދު މިދައުރުގެ އެންމެ ފަހު ޖަލްސާ ބޭއްވިގެންދާއިރު މިއަދުގެ ޖަލްސާއަސްވެސް ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާ ކޮށްފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާއަށްފަހު ދައުރުގެ މުއްދަތު އިތުރުކުރާނެކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.