ހުރަވީ ބިލްޑިން ދަނގަޑު މަތީގައި އިދެ ދަރިފުޅުގެ މަރަށް އިންސާފު ހޯދަން ގޮވާލައިފި

ހުރަވީ ބިލްޑިން ދަނގަޑު މަތީގައި އިދެ ދަރިފުޅުގެ މަރަށް އިންސާފު ހޯދަން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2020 01:24
0

2013 ވަނަ އަހަރު ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން ވެއްޓިގެން ވެއްޓި ނިޔާވެފައިވާ ނަދާލް ރަޝީދުގެ މަރުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން މަރަށް އިންސާފު ހޯދުމަށް އޭނާގެ ބައްޕަ ބްރޯ ރަޝީދު، މިއަދު ރައީސް އޮފީސް ކުރިމަތީގައި، ހުންނަ ހުރަވީ ބިލްޑިންގެ އިމާރާތުގެ ދަނގަޑު މަތީގައި އިދެ އަޑު އުފުލައިފިއެވެ.

އޭނާ ހުރަވީ ބިލްޑިން މަތީގައި އިދެ އަޑު އުފުލަން ފެށުމުން ފުލުން ވަނީ އޭނާ އިމާރާތުގެ ތިރަށް ބޭލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ރަޝީދު ދިޔައީ އޭނާގެ ދަރިފުޅުގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.

ދަރިފުޅު އޮތީ މަރުވެފައި ކަމަށް ފުލުހުންނާއި ހޮސްޕިޓަލުން ބުންޏަސް، ބުރޯ ރަޝީދު އަށް އެކަން ގަބޫލުކުރަން ދަތިވެފައިވަނީ ހިނަވާ ނިމުނުފަހުން ދަރިފުޅުގެ ހަށިގަނޑުން ފާހަގަކުރެވުނު ނިޝާންތަކާއި ގުޅިގެންނެވެ. ނަދާލްގެ މަރުގައި ގޮތް ނޭނގޭ ސިއްރުތަކެއް ހުރި ކަން ބުރޯ އަށް ގަބޫލުކުރެވުނީ އެ ނިޝާންތަކުންނެވެ. އެހާ ހިސާބުން ބުރޯ އެ މަރުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ފެށި އެވެ. އެ މަރުގެ އިންސާފު ހޯދުމަށް ރަޝީދު ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ ދޮރުދޮށުގައި މުގޯލި އަޅަމުން ހިނގާތާ މިވަނީ 6 އަހަރު ވެގެން ގޮސްފައެވެ.

ނަދާލް އިމާރާތުގެ މަތިން ވެއްޓި ޖެހުނީ މަގުގެ، އިމާރާތް ހުރި ފަޅި ނޫން އަނެއް ފަޅީގެ ޕޭމަންޓް ކައިރި އަށެވެ. ގާތްގަނޑަކަށް 25 ފޫޓު ފުޅާމިނުގެ މަގުގެ އަނެއް ފަރާތުގެ ބިންމައްޗަށް ނަދާލް ޖެހުނީ، އޭނާ އުޅުނު އިމާރާތާ 17 ފޫޓު ދުރަށެވެ.

ސައެންޓިފިކް ހަގީގަތްތަކަށް ބަލާއިރު އެއީ ވެދާނެ ކަމެއް ނޫނެވެ. ހަތް ބުރީގެ އިމާރާތަކުން ކައްސާލައިގެން ވެއްޓޭ މީހަކު އިމާރާތާ އެހާ ދުރަކަށް ނުދާނެ އެވެ. އިމާރާތާ 3-5 ފޫޓަށް ވުރެ ދުރަށް ނުދާނެ ކަމަށް ބުރޯ ގަބޫލުކުރެ އެވެ. ނަދާލް މަރުވިތާ އަހަރެއްހާ ދުވަސް ފަހުން ފަސް މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް މަހެއް ވެސް ނުވަނީސް އެ މީހުން ވަނީ ދޫކޮށްލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.