ސައުދީގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޖުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް އިތުރު ރެކޯޑެއް މުގުރާ ލައިފިއެވެ.
މި ރެކޯޑު އޭނާ މިގުރާ ލާފައި ވަނީ ރޭ ސައުދީ ޕްރޯ ލީގުގައި އަލް އަހްދޫދް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ދެ ގޯލާއި އެކު ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ގިނަ ފުރަތަމަ ޑިވިޝަން ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. ރޮނާލްޑޯ ވަނީ އަލް ނަސްރަށް 29 ގޯލު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން 61 ގޯލުގައި ރޮނާލްޑޯ ވަނީ ހިއްސާވެފައެވެ.
ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރު ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި އަލް ނަސްރުގެ ފުރަތަމަ ލަނޑު، 13 ވަނަ މިނެޓުގައި ޖެހީ ސަމީ އަލް ނާޖީއެވެ. އަލް ނަސްރުގެ ފަހު ދެ ލަނޑު ވެސް އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފުގައި، މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭގެ ތިން މިނެޓު ފަހުން ތިން ވަނަ ލަނޑު ވެސް ޖެހީ ރޮނާލްޑޯއެވެ. މި ސީޒަންގައި މިހާތަނަށް އަލް ނަސްރަށް ކުޅެދިން 24 މެޗުން ރޮނާލްޑޯ ވަނީ، 24 ލަނޑު ޖަހައިފަ އެވެ. އެ ޓީމުގައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ދާދި ފަހުން ޕޯޗުގަލް ޤައުމީ ޓީމުން ޔޫރޯ ކޮލިފިކޭޝަންގައި ކުޅުނު މެޗުތަކުގައި ވެސް ރޮނާލްޑޯ ވަނީ މޮޅަށް ކުޅެފައެވެ.
ފަސް ފަހަރު ދުނިޔާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ސައުދީގެ އަލް ނަސްރަށް ބަދަލު ވެފައިވަނީ ނިމިދިޔަ 2022 ވަނަ އަހަރުއެވެ. ރޮނާލްޑޯއަށް ދުނިޔޭގެ ސަމާލުކަން ލިބުނު މެންޗެސްޓަރ ޔުނައިޓެޑަށް ދެވަނަ ފަހަރަށް އައުމަށް ފަހު އެންމެ އެދެވޭ ކުޅުމެއް ނުދެއްކި ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އޭނާއަށް އަމާޒުވިއެވެ. އެހެން ނަމަވެސް ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވުމަށް ފަހު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މިހާތަނަށް ރޮނާލްޑޯގެ ކެރިއަރގައި ކުޅުނު 682 މެޗުން އޭނާ ވަނީ 527 ގޯލު ކާމިޔާބުކޮށްފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑު ޖުމުލަ 205 މެޗާއި އެކު ހެދި އިރު، ގައުމީ ޓީމަށް ރޮނާލްޑޯ ވަނީ 128 ގޯލު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން 2016 ވަނަ އަހަރު ޔުއެފްއާ ޔޫރަޕިއަން ޗެމްޕިއަންޝިޕާއި، 2019 ވަނަ އަހަރުގެ ނޭޝަން ލީގުވެސް ވަނީ ޕޯޗުގަލްއަށް ކާމިޔާބުކޮށްދީފައެވެ.