ނިމިދިޔަ ރައީސް ސާލިހުގެ ސަރުކާރުން އޮތީ ތިލަމާލެ ބުރިޖު ނިންމުން، ސަރުކާރު ނިމެނުންދަނިކޮށް ހެދި އާ އެއްބަސްވުމަކުން 2026 އަށް ފަސްކޮށްފައި ކަމުގައި މި ސަރުކާރުގެ އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބުދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މާލެއާއި ވިލިގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ، ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ދިގު ބުރިޖުގެ މަޝްރޫއަކީ ރައީސް ސާލިހުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ އެންމެ ބޮޑު މަޝްރޫއެވެ. އެހެންނަމަވެސް މިމަޝްރޫއު ނިންމުން ލަސްވެގެން ދިއުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑިކުޔުންވެސް ކުރީ ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.
އަލަށް ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްވެރިން އިއްޔެވަނީ ބުރިޖުގެ އަމަލީ މަސައްކަތް ބަލާލުމަށް ބުރިޖު މަސައްކަތް ހިގާ ސަރަހައްދަށް ޒިޔާރަތް ކޮށްފައެވެ. އެއަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުއްތަލިބު ވިދާޅުވީ އެމަޝްރޫޢުގެ ސަޕްލިމެންޓްރީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ފާއިތުވި ސަރުކާރުގެ ފަހުކޮޅުގައި ކަމުގައެވެ.
މި ބުރިޖު އަންނަ އަހަރުގެ ނިޔަލަށް ނިންމާގޮތަށް އެންމެ ފުރަތަމަ އޮތް ނަމަވެސް، މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން ސޮއި ކޮށްފައިވާ އާ އެއްބަސްވުމުގައި އޮތީ މުޅި މަޝްރޫއު 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 23ވަނަ ދުވަހަށް ނިންމާ ގޮތަށް ކަމުގައެވެ. އަދި ވިލިމާލެއާއި މާލެ ގުޅިވައިދޭ ބައި 2025 ވަނަ އަހަރުގެ މާރޗްމަހުގެ ނިޔަލަށް ނިންމާގޮތަށް އެއްބަސްވެފައިވަނީ އަނގަބަހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ ސަރުކާރާ ދެމެދު ހަދާފައިވާ އެއްބަސްވުމަކަށް ވުމާއެކު، މި ސަރުކާރުންވެސް އެ އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމުގައެވެ.
މި ޝެޑިއުލުން ކައްސައިނުލާ ދިއުން އެއީ މިހާރު އެންމެ މުހިއްމު އެއް ކަންތައް. ދެވަނަ ކަމަކީ ޝެޑިއުލުން ކައްސައިނުލާ އަދި އަޅުގަނޑުމެންނަށް އަވަސް ކުރެވޭނެ ގޮތްތަކެއް ހުރިތޯ ބަލާފައި އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދުން.
މުއްތަލިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަޕްލިމެންޓްރީ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ މަޝްރޫއަށް އިތުރު ޚަރަދެއް ނުދާގޮތަށް ކަމަށެވެ.
ތިލަމާލެ ބުރިޖުން މިހާތަނަށް ނިމިފައިވަނީ 29 އިންސައްތައެވެ. ބުރިޖްގެ މައައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓުމަހުގައެވެ. މަޝްރޫއަށް ފައިނޭންސް ކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ.