ހަގީގީ މާނައިގައި ލާމަރުކަޒު ކުރުމުގެ މަސައްކަތް ފެށުމުގެ އިހްސާސް މިހާރު ކުރެވެން ފަށާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ އެކްޓިން މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް އެގޮތަށް ވިދާޅުވެފައި ވަނީ މާލެ އާއި، ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނިކޮށެވެ.
ނަރީޝް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަގީގީ މާނައިގައި ލާމަރުކަޒު ކުރުމުގެ މަސައްކަތް ފެށުނު ކަމުގެ އިހްސާސް ކުރެވެން ފަށާފައިވާ ކަމަށް މޮހޮނަށް އޮޑިދޭ އުސޫލު ނިމުމަކަށް ގެނެސް، މާލެ ސިޓީ ކައުންސިލް ހަގީގީ މާނައިގައި ބާރުވެރި ކުރުވަން ނިންމެވީ ސެލިއުޓް ހައްގު ނިންމުމެއް ކަމަށެވެ.
ހަގީގީ މާނައިގައި ލާމަރުކަޒުކުރުމުގެ މަސައްކަތް ފެއްޓިއްޖެ ކަމުގެ އިހުސާސްކުރެވެން ފަށައިފި! މޮހޮނަށް އޮޑޮދޭ އުސޫލު ނިމުމަކަށްގެނެސް މާލޭސިޓީ ކައުންސިލް ހަގީގީ މާނައިގައި ބާރުވެރިކުރުވަން މިއަދު ތިޔަ ނިންމެވީ ސެލިއުޓް ހައްޤު ނިންމުމެއް! ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުންގެ… https://t.co/OfLqlHZ3Au
— Ahmed Narysh (@ahmed_narysh) November 21, 2023
އެހެންވެ، ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުންގެ ނަމުގައި އިހްލާސްތެރިކަމާ އެކު ރައީސް މުއިއްޒަށް ޝުކުރު ދަންނަވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ޚިދުމަތެއް މިހާރު ދެމުން ގެންދަނީ އާބަންކޯއިންނެވެ.
މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު މިކަން މިގޮތަށް ނިންމަވާފައި ވަނީ މާލެ ސިޓީގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އެންމެ ފަހުން ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރައްވާނެ ކަމަށެވެ.
އެގޮތުން ހުޅުމާލޭ މަގުތަކާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މަގުމަތި ދިއްލުމުގެ އިތުރުން އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކައުންސިލާއި ހަވާލުކުރާނެ ކަމަށާއި ހުރިހާ ވަސީލަތްތަކާއެކީ ހިދުމަތް ދެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް ޕާކިންގެ މައްސަލަ އުޅޭކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކައުންސިލްގެ މޭޔަރަކަށް ހުންނެވިއިރު ދާއިރާގެ މެންބަރާއި ގުޅިވަޑައިގެން ހުޅުމާލޭގައި ބޮޑު ޕާކިން ޒޯންއެއް ހެދުމަށް ޕްލޭން ކުރެވުނު ކަމަށާއި އެކަން ނުވީ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް އާބަންކޯއިން ދޭތީ ކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި ހުޅުމާލޭގައި ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ފޭސް 1 އަދި 2 ގައި ޕާކިންގ ޒޯންތަކެއް ހަދާނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ