ރައީސް ސާލިހުގެ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަމާލް ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ސިފައިންގެ ހިދުމަތުން ލެފްޓިނެޓް ޖެނެރަލް ޝަމާލް ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވާފައި ވަނީ 35 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި އިހްލާސްތެރި ހިދުމަތަށް ފަހުގައި ކަމަށެވެ.
ޝަމާލް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު 11 ޑިސެމްބަރު 2011 ގައެވެ. އެ ދުވަހަކީ، އޭނާ ސިފައިންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށްކަމަށް ނިންމާ އޭނާއަށް ވަޒީފާ ދޭން ހައިކޯޓުން އަލުން ހުކުމް ކުރި ދުވަހެވެ.
އޭނާ ސިފައިންގެ ވަޒީފާއިން ވަކިކުރީ ސިފައިންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި އާންމުކޮށް، އެ މުވައްސަސާގެ އެތެރޭގައި އޮތް އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައެވެ.
މިގޮތުން 2013 ވަނަ އަހަރު ނޮވެމްބަރުމަހު އޭނާ ސިފައިންގެއިން ކަނޑާލި މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ހުކުމް ކޮށްފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ރަގަޅަށް ކަމުގައެވެ. އެއަށްފަހު އޭނާ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ނިންމީ އޭނާއާ އެއްކޮޅަށެވެ. އަދި އެ ހުކުމުގައި އޭނާއަށް 15 ދުވަސް ތެރޭ އަލުން ވަޒީފާ ދިނުމަށް ހުކުމް ކުރިއިރު، ވަޒީފާއިން ކަނޑާލާފައި ހުރި މުއްދަތަށްވާ ފައިސާވެސް 30 ދުވަހުގެ ތެރޭގައި ދިނުމަށް ހުކުމް ކުރިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ޗީފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކޮށްފައިވަނީ ވައިސް ޗީފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުއްލަތީފެވެ.