އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ވެރިކަން ފެށުމުގެ އުފަލުގައި މާދަމާރޭ ހަވާ އެރުވުމަށް ނިންމައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މާދަމާރޭ ހަވާއަރުވާނީ ރޭގަޑު 9:00 ގައި ކަމުގައެވެ. އަދި މި ބަނޑިބޭހުގެ ކުޅިވަރުތައް 5 މިނިޓަށް ދެމިގެން ދާނެއެވެ.
ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:45 ގައި ޖުމުހޫރީ މައިދާނުގައެވެ. އޭގެ ފަހުގައި، ރައީސް އޮފީހުގައި އެރޭ އޮންނަ ހާއްސަ ރަސްމިއްޔާތެއްގައި ކެބިނެޓްގެ ވަޒީރުން ހުވާ ކުރައްވާނެއެވެ. ޑރ. މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ތިއްބަވާނެއެވެ. އޭގެ ތެރޭގައި ރައީސް ޔާމިންގެ ވެރިކަމުގައި ކެބިނެޓްގައި ތިއްބެވި ވަޒީރުންގެ އިތުރުން މިދައުރުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރެއްވި މެމްބަރުންވެސް ހިމެނެއެވެ.
މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރުގެ އިއްޒަތްތެރި މިޙާރު ރާއްޖެ ވަޑައިގަންނަވަމުން ގެންދަވާއިރު، ބޭރުގެ ގައުމެއްގެ އެންމެ މަތީ ވެރިއެއްގެ ހައިސިއްޔަތުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ ސްރީ ލަންކާގެ ރައީސް އެކަންޏެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފައިވަނި ސަރަހައްދީ ހުރިހާ ގައުމެއްގެވެސް އެންމެ މަތީވެރިންނަށް ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ފޮނުވާފައިވާ ކަމަށާއި، ވަކިވަކި ފަރުންނަށް ޚާއްސަކޮށްގެން ދައުވަތު ނުފޮނުވާ ކަމަށެވެ.
ގިނަ ގައުމުތަކުން ޑރ. މުއިއްޒު ހުވަ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންފައިވަނީ އެގައުމުގެ ވެރީންގެ ބަންދޫބުންނެވެ. މިގޮތުން މި ރަސްމިއްޔާތުގައި ދުނިޔޭގެ ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން 180 ވަރަކަށް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.