މާދަމާ ރާއްޖޭގެ ރައީސްކަމުގެ ހުވާކުރެއްވުމަށް ހަމަޖެހިފައިވާ، އިންތިޚާބީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެއަރ އެމްބިއުލާން ތައާރަފްކޮށް، އަދި އައިވީއެފްގެ ޓްރީޓްމަންޓްގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖެއްސުމަށް ހިމަނައިފިއެވެ.
އައިވީއެފް ޓްރީޓްމަންޓްގެ ޚިދުމަތަކީ ފާއިތުވެދިޔަ އާސަންދައިން ނުލިބޭ، އަދި ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް ބޮޑެތި ޚަރަދުތަކެއް ކުރާންޖެހޭ ފަރުވާއެކެވެ. އެހެންނަމަވެސް ޓްރީޓޮޕް ހޮސްޕިޓަލުން ދާދިފަހުން ވަނީ އެ ފަރުވަ އެ ހޮސްޕިޓަލުން ދޭން ފަށާފައެވެ.
އިންތިޚާބީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ޕްލޭން ކޮށްފައިވާ ކަންކަމުގެ މައްޗަށް އެކުލެވޭ ރޯޑް މެޕް ރޭ އިއުލާން ކުރައްވާފައިވަނީ ދަރުބާރު ގޭގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. އެހަފްލާގައި 100 ދުވަހުގެ ރޯޑް މެޕް އިއުލާން ކުރައްވާފައިވަނީ "ހަފްތާ 14″ ގެ ނަމުގައެވެ.
ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ހަފްތާ 14″ ނަމުގައި މި މަގު ޗާޓް އިފްތިތާހް ކުރެއްވީ އިންތިހާބީ ރައީސް މުއިއްޒެވެ. އެ މަގު ޗާޓުގައި 161 ވައުދު ފުރިހަމަކުރުމަށް ހިމެނެއެވެ. އެ ޗާޓުގެ މަސައްކަތް ބަހާލާފައިވަނީ އަށް ދާއިރާއަކަށެވެ.
އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ
މިނިވަންކަމާއި ސިޔާދަތު
އިސްލާމް ދީނާއި ގައުމިއްޔަތު
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ
އިގްތިސާދާއި ތިމާވެށި
އަންހެނުން، ޒުވާނުން، ފަންނިއްޔާތު އަދި ކުޅިވަރު
ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމައު
ތައުލީމާއި ތަމްރީނު
ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހު
މި މަގުޗާޓުގައި ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރު މުޖުތަމައު މި ސުރުހީގެ ދަށުން 17 ވައުދެއް ފުއްދުމަށް އިންތިހާބީ ރައީސް ވަނީ ނިންމަވައިފައެވެ.
މިގޮތުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެއަރ އެމްބިއުލާން ތައާރަފް ކުރުމުގެ އިތުރުން ރާއްޖޭގައި މީހުންއުޅޭ ކޮންމެ ރަށެއްގައި ފަރުވާއަށް ބޭނުންވާ ލެބޯޓަރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއެއްގެ ތަވާލު އެކުލަވާލައި ތަންފީޒުކުރަން ފަށުމަށްވެސް ވަނީ ހިމަނާފައެވެ.
އޭގެ އިތުރުންވެސް، އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު 100 ދުވަހުގެ ތެރޭގައި ހަމަޖައްސަން ވެސް ނިންމާފައިވެއެވެ. އަދި ޕްރިވެންޓިވް ހެލްތް ކެއާގެ ނިޒާމް ފުޅާކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގައި ބަޖެޓުގައި ހިމަނުމަށްވެސް މަގު ޗާރޓްގައި ހިމަނާފައި ވެއެވެ.
ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމައުއެއް ބިނާ ކުރުމަށް 100 ދުވަހުގެ ޕްލޭން:
- އިސްރަށްވެހީންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ފެށުން
- ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ސިޔާސަތެއް އެކުލަވާލުން
- އޭޓީއެމް ހިދުމަތް ނެތް ރަށްރަށުގައި އެ ހިދުމަތް ފޯރުކޮށްދިނުގެ ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން
- އިސްރަށްވެހީންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއު ފެށުން
- 1000 ފަގީރުންނަށް ހިލޭ ހައްޖަށް ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ސިޔާސަތު އެކުލަވާލުން
- ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށުން
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތު އެކުލަވާލައި ތަންޒީރުކުރަން ފެށުން
- ހިލޭ ބޯންމެރީ ޓްރާންސްޕްލާންޓް ހެދޭނެ މަގު ފަހިކޮށްދިނުން
- އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕެއް ހެދުމަށް މަގުފަހިކޮށްދިނުން
އޭގެ އިތުރުންވެސް ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ހާއްސަ ގައުމީ ހެލްޕް ލައިނެއް ގާއިމް ކުރުމުގެ މަސައްކަތް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެއްޓެވުމަށް މަގުޗާޓުގައި ވަނީ ހިމަނާފައެވެ.