އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އަރަބި އަދި އިސްލާމީ ގައުމުތަކުގެ ސަމިޓްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ އިންވެސްޓްމަންޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި ކުރިއަށްދާ ބްލޫމްބާގް ނިއު އިކޮނޮމީ ފޯރަމްގައި ސައޫދީ އިންވެސްޓްމަންޓް މިނިސްޓަރު ޚާލިދު އަލް ފާލިހް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީ އަރަބިއްޔާއިން ރިޔާޒުގައި އަރަބި ސަމިޓެއް ބާއްވާތަން ފެނިގެންދާނެ ކަމުގައެވެ.
"ދުވަސްކޮޅެއްގެ ތެރޭގައި ސައުދިއަރަބިޔާއިން އިސްލާމީ ސަމިޓެއް ބާއްވާތަން ފެންނާނެ،" އޭނާ ވިދާޅުވި އެވެ. "ކުރު މުއްދަތެއްގެ ތެރޭގައި މި ތިން ސަމިޓާއި އެހެނިހެން އެއްވުންތައް ސައޫދީ އަރަބިއްޔާގެ ލީޑާޝިޕްގެ ދަށުން ބޭއްވުމުގެ މަގްސަދަކަށް ވާނީ ސުލްހަވެރިކަމާއެކު ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް މަގުފަހިކޮށްދިނުން."
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ސަމިޓަށް އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެ ކަމަށް އެޓެމަޑޮންލައިން ނިއުސް އިން ރިޕޯޓްކޮށްފައިވާ އިރު، މިއީ މިދިޔަ މާޗް މަހު ޗައިނާގެ މެދުވެރިކަމުގެ އެއްބަސްވުމެއްގެ ދަށުން އީރާނާއި ރިޔާޒާ ދެމެދު އެތައް އަހަރެއް ވަންދެން ހިނގަމުން ދިޔަ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް ފަހު އީރާނުގެ ވެރިޔަކު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ވަކި ތާރީޚެއް ވިދާޅުނުވެ، ފާލިހު ވިދާޅުވީ ސައުދީ އަރަބިއްޔާއިން އެފްރިކާގެ ގައުމުތަކާއެކުވެސް ސަމިޓެއް ބާއްވާނެ ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަފްތާ ބަންދަށް ތާވަލުކޮށްފައި އޮތް ބައްދަލުވުން ފަސްކުރާނީ އަނެއް ދެ ސަމިޓަށް ފޯކަސް ކުރުމުގެ ގޮތުން ކަމަށެވެ.
ކޮމެންޓު ފޮނުވާ