އެއްވެސް މެންބަރަކަށް އެއްވެސް މީހަކު ގުޅައި އިންޒާރެއް ނުދޭ: އޭސީސީ

އެއްވެސް މެންބަރަކަށް އެއްވެސް މީހަކު ގުޅައި އިންޒާރެއް ނުދޭ: އޭސީސީ

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2023 11:09
0

އެންޓި ކޮރަޕްޝަން ކޮޮމިޝަން (އޭސީސީ)ގެ އެއްވެސް މެންބަރަކަށް އެއްވެސް މީހަކު ގުޅައި އިންޒާރުދީފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީ އިން މިހެން ބުނެފައި މިވަނީ އިންތިގާލީ މަރުހަލާގައި އޭސީސީ އިން ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުވާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އޭސީސީގެ މެންބަރުންނަށް ގުޅައި އިންޒާރު ދެއްވި ކަމަށް ނޫހަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޫހުގައި ރިޕޯޓްކޮށްފައިވަނީ އެ ކޮމިޝަނުގެ އެއްވެސް މެންބަރަކު ދީފައިވާ މައުލޫމާތެއް ނޫންކަމަށާއި އަދި އެއީ އެއްވެސް އަސްލެއްނެތް ހަގީގަތާވެސް ހިލާފު ދޮގު ވާހަކަަތަކެއް ކަމަށެވެ.

މިކޮމިޝަނުގެ އެއްވެސް ކަމާކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، ސަރުކާރުގެ އެއްވެސް ވަޒީރަކު، އަދި އިންތިގާލީ ރައީސްގެ އޮފީހުގެ އެއްވެސް ފަރާތަކުންވެސް ކޮމިޝަނުގެ އެއްވެސް މެންބަރަކަށް ގުޅައި އިންޒާރު ދީފައި ނުވަތަ ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އިރުޝާދު ދީފައެއް ނުވޭ.

– ބަޔާނުގައިވެއެވެ.

އޭސީސީ އިން ބުނީ ކޮމިޝަންގައި ތިބި މެންބަރުން ކޮމިޝަނުގެ މަސައްކަތާ މިދިޔަ އަހަރުގެ މާޗް 17 ވަނަ ދުވަހު ހަވާލުވި ހިސާބުން މިހާތަނަށް މިވީ އެއް އަހަރާއި ހަތް މަހާއި 19 ދުވަހު މަސައްކަތް ކުރީ ވަކިފަރާތަކަށް ނުޖެހި ތައައްސަބުން އެއްކިބާވެ މިނިވަންކަމާއެކު ކަމަށެވެ. އަދި ވަކި ފަރާތެއްގެ ރުހުން ހޯދަން އެއްވެސް ކަމެއް ކޮމިޝަނުން ކޮށްފައި ނޯންނާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެފަދަ ކަމެއް ނުކުރާނެކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ހަމަތަކުގެ މައްޗަށް ތަރުތީބުކުރާ، ދިވެހި ގައުމާއި ރައްޔިތުންގެ އާންމު މަސްލަހަތު ހިމާޔަތްކުރުމުގެ އަސާސް ނެގެހެއްޓުމުގެ މައްޗަށް ބައްޓަންކުރާ ނިންމުން ތަކެއް.

– އޭސީސީ އިން ބުނެފައިވެއެވެ.

އޭސީސީ އިން ވަނީ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން ހަގީގަތެއް ނެތް އަދި ކޮމިޝަންގެ މުސްތަގިއްލުކަމާއި، މަސައްކަތްތަކާމެދު އިތުބާރު ގެއްލޭފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.