އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ބޯންމައުތް ރޭ ބައްދަލު ކުރި މެޗު ބޮޑު ތަފާތަކުން މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ.
މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ކުލަބުން ކާމިޔާބުކޮށްފައި ވަނީ 1-6 ގެ ތަފާތަކުންނެވެ. މެޗު ފަށައިގެން މެންޗެސްޓަ ސިޓީއިން ވަނީ މެޗުގެ ކޮންޓްރޯލު ނަގާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެށް އަމާޒުކޮށްލާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ސިޓީއިން ވަނީ ގޯލާއި އަމާޒުކޮށް ހަތަރު ހަމަލާ ފޮނުވާލާ އޭގެން ދެ ހަމަލާ ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ
މެންޗެސްޓަ ސިޓީން މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ރޮޑްރީގެ އެހީތެރިކަމާއެކު ކާމިިޔާބުކޮށްދިނީ ޖެރެމީ ޑޮކުއެވެ. އޭގެ ތިން މިނެޓު ފަހުން ޖެރެމީ ޑޮކުގެ އެހީތެރިކަމާއެކު ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ. ފުރަތަމަ ހާފުގެ 72 ޕަސެންޓު ސިޓީން ކޮންޓްރޯލު ކޮށްގެން ކުޅުނު އިރު، ސިޓީގެ ތިން ވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި އަކަންޖީ ކާމިޔާބު ކުރީވެސް ޖެރެމީ ޑޮކުގެ އެހީތެރިކަމާ އެކުއެވެ. މެޗުގެ 46 ވަނަ މިނެޓުގައި ޓީމުގެ އެންމެ އިތުބާރު ފޯވާޑު ހާލަންޑަށް އަނިޔާވެ ވަނީ ބަދަލުކޮށްފައެވެ.
ދެވަނަ ހާފުގައިވެސް ސީޓީން މޮޅު ކުޅުމެށް ދައްކަމުން ދިޔައިރު، ދެވަނަ ހާފު ފަށައިގެން ބޯންމައުތުން ވެސް ވަނީ ކުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެށް ކޮށްފައެވެ. ނަމަވެސް ސިޓީން ވަނީ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިޔަ ނުދީ ހިފަހައްޓާފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި ފޮޑެން ވަނީ ސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑުގައި ވެސް ފޮޑެންއަށް އެހީތެރިކަން ފޯރުކޮށްދިނީ މެޗުގައި ރަނގަޅު ކުޅުމެށް ދެއްކި ޖެރެމީ ޑޮކުއެވެ.
މެޗުގައި ބޯންމައުތުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސިނިސްޓެރާއެވެ. އެއީ މުޅި މެޗުގައިވެސް އެޓީމުން ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާއެވެ. މެޗުގެ 83 ވަނަ މިނެޓުގައި ބެނާޓޯ ސިލްވާ ގެ ފަރާތުން ހިތްގައިމު ގޯލެއް ފެނިގެން ދިޔައިރު، މެޗުގެ އެންމެ ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ނަތަން އަކާއެވެ.
ސިޓީ އެއްވަނާގައި އޮތީ ދެވަނާގައި އޮތް ޓޮޓެންހަމް އަށްވުރެ އިތުރަށް މެޗެއް ކުޅެގެން, ޕޮއިންޓެއްގެ ފަރަގަކާއެކުއެވެ. މިދިޔަ ހަފްތާގައި 3-0 ން ސިޓީ އަތުން ބަލިވި މެންޗެސްޓަރ ޔުނައިޓެޑް ހޮނިހިރު ދުވަހުގެރޭ ހަނި މޮޅެއް ހޯދީ 1-0 ން ފުލަމް ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ޖެހީ ބުރޫނޯ ފެނާންޑޭޒް އެވެ. މެންޗެސްޓަރ ޔުނައިޓެޑް އޮތީ 18 ޕޮއިންޓާއެކު 8 ވަނާގައެވެ.