އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އަލް ދުހައިލްއާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވެއްޖެއެވެ.
ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ނަސްރުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ޓަލިސްކާއެވެ. އޭގެ ފަހުން މެޗުގެ 56 ވަނަ މިނެޓުގައި އަލް ނަސްރުގެ ލީޑު ފުޅާ ކޮށްދިނީ ސެނެގާލްގެ ސަޑިއޯ މާނޭއެވެ. އޭގެ ފަސް މިނެޓު ފަހުން އަލް ނަސްރުގެ ތިން ވަނަ ލަނޑު ޖެހީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ރޮނާލްޑޯ ލަނޑު ޖެހިތާ، ދެ މިނެޓު ފަހުން ދުހައިލް އިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިފައެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިސްމާއީލް މުޙައްމަދުއެވެ. އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ އަލްމޯޒް އަލީއެވެ. މެޗުގެ 81 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އޭނާގެ ދެ ވަނަ ލަނޑު އަދި އަލް ނަސްރުގެ ހަތަރު ވަނަ ލަނޑު ޖަހައިފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ދުހައިލްގެ ތިން ވަނަ ލަނޑު ޖެހީ މިކޭލް އޮލުންގާއެވެ.
މޮޅާއެކު އަލް ނަސްރު އޮތީ ގްރޫޕް އީގެ އެއް ވަނައިގައެވެ. މި ގްރޫޕްގައި ކޮންމެ ޓީމެއް ވެސް ވަނީ ތިން މެޗު ކުޅެފައެވެ. އެއް ވަނައިގައި އަލް ނަސްރު އޮތީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޕާސެޕޮލިސް އަށް ލިބެނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި ދުހައިލް އަށް އެއް ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް އިސްޓިކްލޯލް އަށް ޕޮއިންޓެއް ނުލިބެއެވެ.