ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމާއި އެއްގޮތަށް ވެރިކަމާއި އައު ސަރުކާރުން ހަވާލުވުމުގެ ކުރިން މިހާރު އޮތް ސަރުކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިތުރު ޕްރޮޖެކްޓްތައް ފަށައި، ލިޔެކިޔުންތައް ނައްތާ ނުލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ގޮވާލައިފިއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު ނިމި، ވެރިކަން ހިންގުމުގެ ބާރާ، އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުން ދާ މިދަނޑިވަޅުގައި، ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާ ކަމުގެ ގިނަ ޝަކުވާތަކެއް ކޮމިޝަނަށް ލިބެމުންދާކަމަށެވެ.
ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތިރީގައިވާ ގޮތްތަކަށް ޢަމަލުކުރުމަށް ދަންނަވަން.
1. މުޅިން އައު ޕްރޮޖެކްޓުތައް ނުފެށުން.
2. ޚަރަދުކުރުމުގައި، ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް ޢަމަލުނުކުރުމަށާއި، ކުރަންޖެހޭ ޚަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ޚަރަދުނުކުރުން.
3. ކުރިން ބަޖެޓްކޮށްފައިނުވާ ނުވަތަ ކުރިން ޕްލޭންކޮށްފައިނުވާ އައު ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިނުކުރުން.
4. ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަނުގެ ޢަމަލަކަށް މަގުފަހިވާ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަނަމަ އެ ފަދަ ނިންމުންތައް ނުނިންމުން.
5. ލިޔެކިއުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު، އަދި ފައިސާއާއި، ވިޔަފާރިއާއި މުޢާމަލާތްތަކާ ގުޅުންހުރި އެއްވެސް ލިޔެކިއުމެއް ނައްތައިނުލުން.
6. މަތީގައި ދެންނެވިފައިވާ ކަންކަމަށް އޮފީސްތަކާއި، އިދާރާތަކާއި، ކުންފުނިތައް އަދި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ސަމާލުކަންދެއްވުން.
އޭސީސީން ބުނީ މި ދަނޑިވަޅުގައި އިސްވެދެންނެވުނު ފަދަ ޢަމަލެއް ހިނގާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެމަޢުލޫމާތު ކޮމިޝަނާ ހިއްސާކޮށްދިނުމަށް އިލްތިމާސްކުރާކަމަށެވެ. އަދި، ކޮމިޝަނުން ގެންދަނީ އެ ފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގުކުރަން ޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުން ކަމަށެވެ.
އަދި، ކޮމިޝަނުން، އެފަދަ ޢަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން ދިވެހިރައްޔިތުންނަށް ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ