ރ.އަނގޮޅިތީމަށް ޑރ. މުއިއްޒު މިއަދު ވަޑައިގެންނެވުމުން އެރަށުން ވަނީ ތަފާތު މަންޒަރެއް ފެނިގެން ގޮސްފައެވެ.
މުއިއްޒު އަނގޮޅިތީމަށް ވަޑައިގެންނެވުމުން އެރަށުން ހޫނު މަރުޚަބާއެއް ކިޔާފައިވާއިރު މަރުޚަބާގެ ސަފުން ފެނިގެންދިޔަ އެންމެ ތަފާތު މަންޒަރަކީ އެމްޑީޕީގެ އުފާވެރި އަމާން ރާއްޖެ ޓީޝާޓުގައި އެމްޑީޕީގެ މީހުން މުއިއްޒުއަށް މަރުހަބާ ކިޔަން ނިކުމެ ތިބުމެވެ. އަދި މިމީހުން ވަނީ މުއިއްޒު އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައިވެސް ބައިވެރިވެފައެވެ.
މިމީހުންނަކީ ރައީސް ޞާލިހުގެ އެރަށަށް އިހުމާލުވެފައިވާތީ ޑރ. މުއިއްޒު އިންތިޚާބު ކުރުމަށް މަސައްކަތް ކުރަމުންދާ އެމްޑީޕީގެ މެމްބަރުންތަކެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޑރ. މުއިއްޒު ވަނީ އަނގޮޅިތީމުން އިންތިޚާބުގެ ދެވަނަ ބުރުގައި ސިޔާސީ ޚިޔާލް ތަފާތުވުން އެއްކައިރިކޮށް ރަށުގެ މަސްލަހަތަށްޓަކައި އެންމެން އެއްގަލަކަށް އަރައި މަސައްކަތްކޮށް ރަށުގެ ތަރައްޤީ އިސްކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މުއިއްޒުވަނީ ޚިދުމަތް ދިނުމުގައި ރަށުގެ އާބާދީއަށް ނުބަލައި އަދި ފިކުރު ދިމާނުވިނަމަވެސް ހަމަހަމަ ކަމާއިއެކު ކޮންމެ ރަށަކަށްވެސް ކޮންމެ ރައްޔިތަކަށްވެސް ޚިދުމަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.