މި ގައުމުގެ ވެރިކަންކުރަން ލިބުނު ފުރުސަތުގައި ރައްޔިތުންނާ މެދު އިހުމާލުވެފައިވާ ބަޔަކު، މިއަދު އަނެއްކާ އެހެން ހުވަފެންތަކެއް ދައްކައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރަމުންދާކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިޚާބީ އެޖެންޓު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފެސް ދޭއްގައި ޤާސިމް އިބްރާހީމްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަޙީދު ވަނީ އެމްޑީޕީގެ ސިޔާސަތުތަކާއި ރައީސް ޞާލިޙް އިންތިޚާބަށް ގެންގުޅުއްވާ "އުފާވެރި އަމާން ރާއްޖެ" ޝިއާރަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އުފާވެރި އަމާން ރާއްޖޭގެ ވާހަކަ ދައްކާއިރު، މިގައުމުގައި އުޅޭ ހިކަނދި މީދާ ވެސް މިހާރު ތިބީ ދަރާފައިކަމަށް އޭނާ ވިދާޅުވިއެވެ.
ޢަލީ ވަހީދު ވިދާޅުވީ، މިގައުމުގެ ވެރިކަންކުރަން ލިބުނު ފުރުސަތުގައި ރައްޔިތުންނާ މެދު އިހުމާލުވެފައިވާ ބަޔަކު، އަނެއްކާ އެހެން ހުވަފެންތަކެއް ދައްކައި މިއަދު ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރަމުންދާކަމަށެވެ. އޭނާ ވަނީ ބޮޑު ޕާޓިއެއްކަމަށް ދައްކަން ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުން ނެރެ ކެމްޕެއިންގައި ބޭނުންކުރަމުން އަންކަން ފާހަގަކުރައްވާ އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ. ޢަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓިއަކީ ރާއްޖޭގެ ބޮޑު ޕަޓީއެއްކަން މިއަދު ބަލާލުމުން އެނގި ހާމަވާކަމަށެވެ.
އަނދިރިއަނދިރިންގެ ވެރިކަމާ ހިސާބަށް ވެރިކަން ދިޔައިމާ ދެން ބާލަންށޭ ޖެހޭނީ އަޅުގަނޑުމެން ނުކުމެ. އެހެންވީމަ މިއީ އުފާވެރި އަމާން ރާއްޖެއެއް ނޫން. އަޅުގަނޑުމެން އެންމެން މިތިބީ ދަރާފަ.
– އަލީ ވަހީދު ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން އިންތިޚާބަށް ގެންގުޅޭ ޝިއާރު :ދިވެހީންގެ ރާއްޖެ" އަށްވެސް ފާޑުވިދާޅުވިއެވެ. އެގޮތުން ހިންދޫ ދީނުގެ މީހަކު އެ ދީން ރާއްޖޭގައި ފަތުރަން މަސައްކަތްކުރާއިރު އެންމެންވެސް މިތިބެނީ އަތްޖަހަންކަމަށް އޭނާ ވިދާޅުވިއެވެ.