ރާއްޖޭގެ ތަރައްޤީ މިއިން ޒަމާނަކު ނުގެނެވޭހާ ބޮޑު ކުރިއެރުމެއް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސް ދީފައި ވަނިކޮށް މިސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން އެތަރައްޤީ ވަނީ ވަރަށް ބޮޑަށް އަޑިއަޅައި ބޮޑު އަޑިގަނޑަކަށް ވެއްޓިފައިކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ޅ.ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާތަނަށް ކެމްޕޭންގައި ވަޑައިގެންނެވި ކޮންމެ ރަށަކުން އަޑުއިވެގެން ގޮސްފައިވަނީ ކަމެއް ނުވާ ވާހަކައާއި އުޅޭ ދަތިހާލުގެ ވާހަކަ ކަމަށެވެ. ތަރައްޤީގެ ކަންކަން ފަހަތަށް ސޮއްސާލައި މަޑުޖެހިފައި އޮތް އޮތުމަކީ ރައްޔިތުން އުންމީދުކުރާ އަދި އެދޭ ގޮތެއް ނޫންކަމަށެވެ. މުއިއްޒު ވިދާޅުވީ ތަރައްޤީ ހާސިލް ކުރެވޭނީ އެކަންކަން ކުރަން އެނގޭ ބަޔަކަށް ކަމަށެވެ.
ނައިފަރުގެ ކައުންސިލް ރައީސް ދެއްކެވި ވާހަތަކާއި ހުށަހެޅުއްވި ކަންކަމަށް ބަލާއިރު މިސަރުކާރުން ނައިފަރުގެ ތަރައްޤީގައިި ކޮޅުފައިން ޖަހާފައިވާ މިންވަރު ހާމަވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އެންމެ އަސާސީ ޚިދުމަތްވެސް 6،000 އަށް ވުރެ ގިނަ ރައްޔިތުން އުޅޭ އާބާދީއަކަށް ނުލިބޭކަމީ މިސަރުކާރުން ލަދު ގަންނަން ޖެހޭ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑުމެން ވައުދުވުމުން ބައެއް މީހުން އެބަ އަހާ މިހުރިހާ ކަމެއް ކުރާނީ ކިހިނެއްހޭ. އަޅުގަނޑު ދަންނަވާނީ ކުރާ ޚަރަދަކީ އިންވެސްޓް މަންޓަކަށް ވާނަމަ އެއީ މަންފާ ކުރާނެ ކަމެކޭ. އަޅުގަނޑެއް ބޭކާރު ވާހަކައެއް ވޯޓު ހޯދަން ނުދައްކާނަން. އަޅުގަނޑު ދައްކާ ކޮންމެ ވާހަކައަކީ އެކަމެއް ކުރެވޭނެ ގޮތާއި މަގު ފެނިގެން ކުރާނެ ކަންކަން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރަށްރަށުގައި އަޅާފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ދައްކަންޖެހޭ ކުއްޔަކީ ފްލެޓްއް އަޅަން ކުރި ޚަރަދާއި އަޅާބަލާއި ބޮޑުއަދަދެއްކަމަށެވެ. މިސަރުކާރުން އަތޮޅު ތެރޭގެ ހައުސިން މަޝްރޫޢުތަކަށް ނަގަމުންދަނީ 5،000 މަތީގެ އަގެއް ކަމަށާއި، ވެރިކަމާއި ހަވާލުވުމަށްފަހު އެކުލި 3،500 ރުފިޔާއަށް ކުޑަކުރާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ ސަރުކާރުން ކުރި ޚަރަދާއި، އިންޓަރެސްޓް ރޭޓާއި ހުރިހާ ޚަރަދެއް ކެޑިޔަސް 20 އަހަރު ފަހުން ފައިދާވާނެ ކަމަކީ ޝައްކެއް އޮތްކަމެއް ނޫންކަމަށެވެ.
މުއިއްޒު ވަނީ ކުރިއަށް 8 ދުވަހު ވަރުބަލި ކަމެއްނެތި މަސައްކަތްކޮށް މިއިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ނައިފަރާއި ޅ.އަތޮޅުގެ އެންމެހާ ރައްޔިތުންގެ ކިބައި އެދިފައެވެ.