ރަނިންމޭޓުންގެ ޕްރޮގުރާމުގައި އަސްލަމާއި، ސަލީމް ބައިވެރިނުވި

ރަނިންމޭޓުންގެ ޕްރޮގުރާމުގައި އަސްލަމާއި، ސަލީމް ބައިވެރިނުވި

މިރޭ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ރަނިންމޭޓުންގެ ޕްރޮގުރާމުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ ރަނިންމޭޓް މުހައްމަދު އަސްލަމާއި، މިނިވަން ކެންޑިޑޭޓް އުމަރު ނަސީރުގެ ރަނިންމޭޓް މާސް ސަލީމް ބައިވެރިވެ ވަޑައިނުގެންނެވިއެވެ.

މިރޭ ކުރިއަށްދާ މި ޕްރޮގުރާމުގައި ކޮންމެ ރަނިންމޭޓަކަށް އެބޭފުޅެއްގެ ތަޢާރަފާއި، މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތާއި ސިޔާސަތުތަކާއި އެނޫންވެސް ގިނަ ކަންކަން ހާމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދައުލަތުގެ މީޑިއާއިން ބުނީ ހުރިހާ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް ދައުވަތު ދެވުނު ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓުގެ ރަނިންމޭޓް މުހައްމަދު އަސްލަމާއި، މިނިވަން ކެންޑިޑޭޓް އުމަރު ނަސީރުގެ ރަނިންމޭޓް މާސް ސަލީމް ބައިވެރިވެ ވަޑައި ނުގެންނެވިކަމަށެވެ.

މިދެބޭފުޅުންގެ ގޮޑި ހުރީ މި ޕްރޮގުރާމު ކުރިއަށްދާއިރު ހުސްކޮށެވެ. ދައުލަތުގެ މީޑިއާއިން އިންތިޒާމުކުރި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްވެސް ރައީސް ޞާލިހު ބައިވެރި ނުވާތީ ވަނީ ކެންސަލް ކޮށްފައެވެ. މިއާއިއެކު ސަންގު ޓީވީ ބަހުސްގައި ބައިވެރިވުމަށް ދައުލަތުގެ މީޑިއާއިން ވަނީ ނިންމާފައެވެ. ބަހުސް އޮންނާނީ ސެޕްޓެމްބަރު 2 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 އިން 23:00 އަށެވެ.

މި ބަހުސްގައި އިންތިޚާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވުމުގެ ދަޢުވަތު ފޮނުވާފައިވާކަމަށާއި، އިންތިޚާބުގައި ވާދައްކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ބަހުސްގައި ބައިވެރިވާނެކަމުގެ ޔަޤީންކަންދެއްވާފައިވާކަމަށް މިކަމާގުޅިގެން ޕީއެސްއެމްއާއި ސަންގު ޓީވީ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރިޔާސީ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ބްރޯޑްކާސްޓަރުން އިންތިޒާމުކުރާ ކަންކަމުގައި، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތު ދިނުމަކީ ލާޒިމްކަމެކެވެ. އެހެންކަމުން، ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން، ބަހުސެއް ބޭއްވިޔަސް، އެހެން ޕްރޮގްރާމެއް އިންތިޒާމް ކުރިނަމަވެސް، ބްރޯޑްކާސްޓަރުން އެކަމެއް ކުރައްވަންވާނީ، ހަމަހަމަ ފުރުސަތު ފަހިވާގޮތެއްގެ މަތީންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *