ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ގޮސްފިނަމަ، ދެވަނަ ބުރުގައި ޕީޕީއެމް ނޫން ޕާޓީތަކާއި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ހައްދުއްމައްޗަށް ކުރެއްވި ދަތުރުފުޅަށް ފަހު ނޫސްވެރިންނައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ގޮސްފިނަމަ، ޕީޕީއެމް ފިޔަވައި ދެން ހުރި ޕާޓީތަކާއި ކޯލިޝަން ހެދުމަށް މިހާރުވެސް މަޝްވަރާ ކުރަމުންދާކަަމަށެވެ. ނަމަވެސް މިމަޝްވަރާ ތަކުގައި ލިބިފައިވަނީ ކިހާ ކުރިއެރުމެއް ކަމެއް ރައީސް ވިދާޅުވެފައި ނުވެއެވެ.
ރައީސް ވިދާޅުވީ މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ވެރިކަމުގެ ނިޒާމު ހިނގާއިރު ވާދަވެރި ޕާޓީއެއްް އޮންނަން ޖެހޭކަމަށެވެ. އެގޮތުން ޕީޕީއެމްއަކީ ވާދަވެރި ޕާޓީ ކަމަށާއި ޕީޕީއެމްއާއިއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ނުކުރާނެކަމަށެވެ. ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކާއެކު އެކި ލެވެލްގައި މަޝްވަރާ ކުރަމުން އަންނަކަށާއި މި ދަނޑިވަޅަކީ ދެންތިބި ޕާޓީތަކުން ގޮތް ނިންމަންވީ ދަނޑިވަޅުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕީޕީއެމްއާ އަޅުގަނޑުމެންނާ އެއްވެސް ގުޅުމެއް ނޯންނާނެ. މުޅިން ތަފާތު ވިސްނުމެއް މި އޮތީ. ތިބެން ޖެހޭނީވެސް ދެފަރާތުގައި. އެއީ ޤައުމަށް އެންމެ ފައިދާވާނެ ގޮތް. ދެބައި މީހުން އެއްވެއްޖެނަމަ ވާދަވަރެވި ސިޔާސީ ޕާޓީއެއް ނޯންނާނެކަމަށް.
– ރައީސް ޞާލިހް ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ އެމްޑީޕީން ވަކިވި މީހުން އަދިވެސް އެޕާޓީއާ ގުޅުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށެވެ. އެހެންނަމަވެސް އެއްވެސް މެންބަރަކު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާއިރު ރިޝްވަތު ދިނުމުގެ އެއްވެސް ކަމެއް ހިންގާފައިނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެބޭފުޅުން އެމްޑީޕީއަށް އަލުން ގުޅިވަޑައިގަންނަވަނީ ޤައުމަށާއި ދާއިރާގެ ލާބައަށްކަމަށެވެ. ރައީސް ވަނީ އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްއާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަނބުރާ ޕާޓީއަށް ވަޑައިގަތުމުގެ ދައުވަތު ދެއްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއްގެ ވާހަކަ ރައީސް ޞާލިހު ދެއްކެވިއިރު، އެމްޑީޕީން އަމާޒު ހިފާފައިވަނީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށެވެ. ނަމަވެސް މިހާރު މަންޒަރު ފެންނަ ގޮތަށް ބަލާއިރު އިންތިޚާބުގެ ދެވަނަ ބުރެެއް ބާއްވަންޖެހުމަކީ ކައިރި ކަމެކެވެ.
One Response
PPM meehun thi Iburaahim raeesge fahathuga berujahaakah nudhaane kan engeyiru PPM aa kon mashvaraaeh kuran other ppm lhosundhooayyah laakah thi iburaahimakah laahikeh noon.