ދިވެހިންގެ ނަމުގައި ސޮއިކޮށްފައިވާ އެއްބަސްވުންތައް ދިވެހިންނަށް ނުދޭކަމަށްވަންޔާ ދިވެހިންގެ މިއަދުގެ ހާލަތު ވިސްނަން ޖެހޭކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްހގެ ކެމްޕެއިންގައި ނ.ޅޮއްސަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޢަލީ ޙުސައިން ވިދާޅުވީ، ރާއްޖެއަށް ބޭރުގެ ނުފޫޒް އޮތް މިންވަރު ދައްކުވައިދޭ އެއް ކަމަކީ ބޭރު ޤައުމެއްގެ ސަފީރު ކާރުކޮޅުގައި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައި އިދާރާއަށް އެއްވެސް ހުރަހެއް ނެތި ވަންނަކަންކަމަށެވެ. އޭނާ ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ޤާއިމްވެ އެބަތިބިކަމަށެވެ.
އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓްރީގެ ތެރެއަށް ބޭރު ޤައުމެއްގެ އެމްބެސަޑަރުގެ ނޫކުލައިގެ ޑީބޯޑު ޖެހި ކާރުކޮޅ ުއެއްވެސް ހުރަހެއް ނެތި ވަންނަކަން. އެއްވެސް ހުރަހެއް ނެތި ވަންނަކަން.މިއީ ޤައުމުގެހާލަތު ގޮސް އޮތް ހިސާބު. އަޅުގަނޑުމެންނަށް މި އެނގެނީ ދެކުނުގައި، އައްޑު އަތޮޅުގައި އިންޑިއާ ސިފައިން އެބަތިބިކަން. ކުރުކޮށް މިދަންނަވނީ އަޅުގަނޑުމެންގެ ރާއްޖޭގައި ބޭރުގެ ސިފައިން އެބަތިއްބޭ.
– ޢަލީ ޙުސައިން ވިދާޅުވިއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބިކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލިނަމަވެސް ސަރުކާރުން އެކަމަށް ދެކޮޅު ހަދައެވެ.
ޢަލީ ޙުސައިން ވިދާޅުވީ، އަޅުގަނޑުމެންނަށް މަލިކު ގެއްލުނުގޮތަށް ރާއްޖޭގެ އަކަ އިންޗިއެއްވެސް ދޫކޮށްލައިގެން ނުވާނެކަމަށެވެ. އެހެންކަމުން 9 ސެޕްޓެމްބަރުގައި ވޯޓު ލާއިރު ފުންކޮށް ވިސްނުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެދުވަހު ލާ ވޯޓުން އެންމެ އަކަ އިންޗިއެއް ގެއްލި އަދި މިނިވަންކަމަށް އަސަރުކުރާނަމަ ތިމަންނާއަކީވެސް މިނިވަންކަމަށް ގެއްލުވާލުމަށް އެހީވި މީހަކަށް ވާނެކަމަށާއި، އޭގެ ބަދަލުގައި މިނިވަންކަން ދިފާޢުކޮށް ޤައުމަށް ދިމާވާ މައްސަލަތައް ހައްލުކޮށް، ދަރަނިތައް ދެއްކޭނެ މީހަކަށް ވޯޓުލާންޖެހޭކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ. އެބޭފުޅަކީ ޤާސިމް އިބްރާހީމްކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.