އޭސީސީގެ ކުރީގެ ރައީސް ލުތުފީގެ ޕާސްޕޯޓު ހިފަހައްޓައިފި

އޭސީސީގެ ކުރީގެ ރައީސް ލުތުފީގެ ޕާސްޕޯޓު ހިފަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2023 11:04
0

އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، ތަހުގީގް ފަށައިފިއެވެ.

ލުތުފީގެ ޕާސްޕޯޓް ހިފެހެއްޓީ ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމުގައި އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ އޭނާއަށް ލިބިފައިވާ މައްސަލައިގެ ތަހުގީގަށެވެ. ލުތުފީގެ ޕާސްޕޯޓް ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓީ އޭނާ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެންނެވުމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ލުތުފީ މަގާމުގައި ހުންނެވަނިކޮށް ވަނީ މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ފަށައިފައެވެ. އިތުރު ބަޔަކު ވެސް ހިމެނޭ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.

ލުތުފީ ރާއްޖެ ވަޑައިގެން ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ކެމްޕޭންގައި ބައިވެރިވަމުންނެވެ. އެގޮތުން އައްޑޫއަށް މުއިއްޒު ވަޑައިގެންނެވުމުން މަރުހަބާ ކިޔުމަށް ލުތުފީވެސް ވަޑައިގެންފައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އެ މަޤާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ ކޮމެޓީން ނިންމުމުން މަޤާމުން އިސްތިއުފާދެއްވީީ 2019 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބާރީ
ހުރިހާ ވގނ މިތިބީ އެއްކޮޅެއްގައި ދޯއެވެ. ނޫމަޑި، ޓިނު އަދުރޭ، ޔާމީން މިހެންގޮސް ވަކިވަކިން ކިޔާނެކަމެއް ނެތެވެ.