މާލޭގެ މަގު ކޮނުމުގެ ފީ 150 އިންސައްތަ ބޮޑުކުރަން ނިންމައި މާލެ ސިޓީ ކައުންސިލުން އެކަމަށް ހެދި އުސޫލު ބާތިލުކުރަން އެދި ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި އުސޫލު ބާތިލުކުރުމަށް ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބެލުމަށްފަހު އެ ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ސްޓެލްކޯއިން ހުށަހެޅި މައްސަލާގައި ހިމެނެނީ އުސޫލެއްގެ މައްސަލަ ކަމަށާއި އެފަދަ މައްސަލަތަކަކީ ދުސްތޫރީ މައްސަލަތަކުގެ މާނައިގެތެރޭގައި ހިމެނޭކަމެއް ނޫން ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.
ހައިކޯޓުން ބުނީ ސިޓީ ކައުންސިލުން ހެދި އުސޫލަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހެދި އުސޫލުތަކެއް ކަމަށް ބުނެފައިވީ ނަމަވެސް އެއީ އެ ގާނޫނުގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ބާރު ލިބިގެން ހަދާފައިވާ އުސޫލުތަކެއް ނޫން ކަމަށެވެ.
އެހެންކަމުން ސްޓެލްކޯއިން ހުށަހެޅި މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.