ތިލަމާލެ ބުރިޖު ތަނބުތައް ފެއްތުމުގެ މަސައްކަތް ފަށައިފި

ތިލަމާލެ ބުރިޖު ތަނބުތައް ފެއްތުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2023 11:40
0

ތިލަމާލެ ބުރިޖުގެ ތަނބުތައް ކަންޑަށް ފެއްތުމުގެ މަސައްކަތް އިއްޔެގެ ފަށައިފިއެވެ.

ބްރިޖުގެ ޕައިލިން މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައި ވަނީ އިންޑިއާ ހައިކޮމިޝަނުންނެވެ. އެ ކޮމިޝަނުން ބުނީ ޕައިލިންގެ މަސައްކަތާއެކު ސްޓްރަކްޗާގެ އެހެން މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. "ދެ ވަނަ ޖެކަޕް ޕްލެޓްފޯމް "މަހާރާޖާ" ވަނީ "މަހާރާނީ" ޖެކަޕް ޕްލެޓްފޯމާއެކު މާލެ އާއި ވިލިނގިލިއާ ދެމެދު މެރިން ޕައިލިންގެ މަސައްކަތް ފަށައިފި،" އެ ކޮމިޝަނުން ބުނެފައިވެއެވެ.

ތަނބުތައް ކަނޑުގައި ހަރުކުރުމުގެ މަސައްކަތް ފެށިއިރު ބްރިޖުގެ ސުޕާ ސްޓްރަކްޗާގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ.

އިންޑިއާއިން ވަނީ ތިލަމާލެ ބްރިޖު އަޅަން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވެސް ފަހުން ދީފައެވެ. ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.