ލިވަޕޫލްފެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑްގެ އިރުޝާދުގެ ދަށުން ސައުދީ ޕްރޯ ލީގުގައި އަލް-އިއްތިފާޤު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
ލީގު ފެށުމުގެ ކުރިން އޮތް އެރަބް ކްލަބް ޗެމްޕިއަންސް ކަޕް ކާމިޔާބު ކުރި ނަސްރު ޓީމުގެ ރޮނާލްޑޯ އާއި އެޓީމުގެ ބްރެޒިލް ފޯވާޑް ޓަލިސްކާ ވެސް ރޭގެ މެޗަށް ނުނަގައެވެ. ކަޕް ފައިނަލްގައި ދެ ގޯލު ޖަހައިގެން އެޓީމު މޮޅުކޮށްދިން ރޮނާލްޑޯ އަށް އެ މެޗުގެ ފަހު ވަގުތު ވަނީ އަނިޔާ ވެގެން ބަދަލު ކޮށްފައެވެ.
އަލް-ނަޞްރު އަތުން އަލް-އިއްތިފާޤް މޮޅުވީ 2-1 ނެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އަލް-ނަޞްރުންނެވެ. އެޓީމަށް ކުރިހޯދައިދިނީ މާނޭއެވެ. އަލް-އިއްތިފާޤުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި ރޮބިން ގުއައިސަން ޖެހި ލަނޑުންނެވެ. މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ މޫސާ ޑެމްބެލޭއެވެ.
ކުޅުންތެރިން ގަންނަން ބޮޑު ހޭދައެއް ކުރަމުން އަންނަ އަލް ހިލާލް ވަނީ ރޭ ރަށުން ބޭރުގައި 3-1 އިން އަބްހާ ކްލަބް ބަލިކޮށްފައެވެ. ހިލާލުގެ ތިން ގޯލު ވެސް ޖަހައިދިނީ ކުރިން ބާސެލޯނާއަށް ކުޅުނު ފޯވާޑް މެލްކޮމްއެވެ.
މީގެ އިތުރުން މިދިޔަ ސީޒަންގެ ޗެމްޕިއަން އަލް އިއްތިހާދު ވެސް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. އެޓީމުން ރަށުން ބޭރުގައި އައް ރައީދު ބަލިކުރީ 3-0 އިންނެވެ. އެޓީމުން ޖެހި ތިން ގޯލު ވެސް ފަހު ހާފުގައި ފެނުނުއިރު، ލީޑު ނެގީ މި ސީޒަނަށް އެޓީމަށް ބަދަލުވި ކަރީމް ބެންޒެމާގެ އެހީތެރިކަމާއެކު ޖެހި ގޯލަކުންނެވެ.