މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވިދާޅުވެއްޖެއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްގެންދާއިރު ރިޔާސީ އިންތިޚާބުގެ ޤާނޫނާއި އިންތިޚާބާ ބެހޭ އާންމު ޤާނޫނު އަދި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދަށް ރިޢާޔަތްކޮށް ދައުލަތުގެ ވަޞީލަތްތައް ކެމްޕެއިންގެ އެއްވެސް ކަމެއްގައި ބޭނުންކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ހަނދާންކޮށްދެއްވާފައެވެ.
ނަމަވެސް ކެމްޕޭން ކުރުމުގައި ދަޢުލަތުގެ ވަޞީލަތްތައް ބޭނުންކުރެވިދާނެ ހާލަތްތައް އެޤަވާއިދުގައިވެސް ބަޔާންކޮށްފައިވާކަމަށާއި ދަޢުލަތުގެ ވަޞީލަތް ކެމްޕޭނުގައި ބޭނުންކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަދޭއިރު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އޭސީސީން އިލްތިމާސްކުރައްވައެވެ.
އޭސީސީން ބުނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ދަޢުލަތުގެ ވަޞީަލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން އާންމުންގެ ފަރާތުން އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ އިތުރުން ކޮމިޝަނުން އިސްނަންގަވައިގެން އެފަދަ ކަންކަން މޮނިޓަރ ކުރައްވަމުން ގެންދަވާކަމަށާއި މަައްސަލަތައް ބައްލަވައި ޤާނޫނާއި ގަވާއިދުގެ ތެރެއިން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށެވެ.
އެހެންކަމުން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި ޤާނޫނާއި ޤަވާއިދުތަކުގައިވާ ގޮތުގެ މަތިން މެނުވީ ދައުލަތުގެ ވަޞީލަތައްތައް ބޭނުން ނުކުރުމަށާއި ޤާނޫނާއި ޤަވާއިދުތަކުގައިވާ ގޮތުގެ މަތިން މެނުވީ ދަޢުލަތުގެ ވަޞީލަތްތައް އެއްވެސް ފަރާތަކަށް ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް އޭސީސީން އިލްތިމާސްކުރައްވައެވެ.
ކޮމެންޓު ފޮނުވާ