އަންނަ މަހުގެ 9 ވަނަ ދުވަހު ބައްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ފުންކޮށް ވިސްނަވައި، އޭނާއަށް ފުރުސަތެއް ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ޖޭޕީއަށް ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމްއާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިހާބް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ކޮންމެ ރިޔާސީ އިންތިޚާބަކާއި ދިމާކޮށްވެސް އެކިއެކި ވައުދުތަކާއި އަހުދުތައް ވަތަން ފެންނަ ކަމަށެވެ. ރަށްރަށަށް އަރައި ދިގު ކިއު ހަދައި ރައްޔިތުންނެރެ އޮޅުވާލާތަން ފެންނަ ކަމަށެވެ. ނަމަވެސް މާޒީގައި ރައްޔިތުން ކުރި ތަޖުރިބާގެ އަލީގައި މިފަހަރުގެ އިންތިޚާބުގައި އޭނާއަށް ފުރުސަތު ދިނުމަށް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.
ވަރަށް ޖޯޝުގައި ވާހަކަ ދަކަވަމުން ޤާސިމް ވިދާޅުވީ ޝިހާބަކީ ރައީސް ޞާލިހާއިއެކު ގާތްކޮށް މިސަރުކާރުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ނާޒިމްއަކީ ރައީސް ޔާމީން އެންމެ އިތުބާރު ކުރެއްވި އެއްބޭފުޅާކަމަށެެވެ. ނަމަވެސް މިދެބޭފުޅުން ޖޭޕީއަށް ވެރިކަން ހޯދައި ދިނުމަށް ވަޑައިގެންނެވީ ވަރަށް ގިނަ ތަޖުރިބާތަކާއި ކަންކަން ފެނި އެކަންކަމުގެ އަލީގައި ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުން ވިސްނާލަން ޖެހޭ ކަންތައްތަކެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
އަޅުގަނޑުމެނަށްވުރެ ޑައިނަމިކޮށް ކަމެއް ކުރެވޭނެ އެއްވެސް ބޭފުޅެއްގެ ވާހަކައެއް މިއަދު ރިޔާސީ ކެނޑިޑޭޓަކަށް ނިކުންނަން، އަދި ކީއްތޯ އިއްޔެވެސް އިހަށްދުވަހުވެސް އިއުލާން ކުރެވިފަކާއެއް ނެތް. ވަރަށް ސާބިތުކަމާއިއެކީ މިދަންނަވަނީ. އެހެން ވީމަ ރައްޔިތުން ވަރަށް ބޮޑަށް ވިސްނާފަ ވޯޓު ލައްވަންވީ. ކާކުތޯ އަމާނާތްތެރީ، އިހުލާސްތެރީ، މުސްތަގުބަލު އުޖާލާ ކުރެވޭނީ ކާކަށްތޯ، ކަންކަން ހާސިލްކޮށް އެތަޖުރިބާ ހުރީ ކާކުތޯ، މިކަންކަން ބަލަންޖެހޭ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ރައްޔިތުން ބަލަންވީ ބޮޑު ޕާޓީއެއް، ނޫނީ ކުޑަ ޕާޓީއަކަށް ނޫންކަމަށެވެ. މާޒީގައި ބޮޑު ޕާޓީތަކާއި، ކުޑަ ޕާޓީތަކުން ކަންކަން ކޮށްފައިވާ ގޮތަށް ކަމަށެވެ. ޤާސިމް ވަނީ މިސަރުކާރުން މިއަދު ފެންނަނީ ކޮރަޕްޝަން އިންތިހާއަށް އޮތް ތަންކަމަށެވެ. ދަރަނި އިންތިހާއަށް އިތުރުވެ ރައްޔިތުން ސަލާމަތް ނުވަ ހިސާބަށް ގޮސްފައިވާ މަންޒަރުކަމަށެވެ.
ކޮރަޕްޝަންގެ ވާހަކަ އިންތިހާއަށް ބޮޑުވާ ވަހަކަ އަޑު އިވެނީ. މަތިންނާއި ތިރިންނާއި އަރިމަތިންވެސް ފެންނަނީ އޭގެ އަލާމާތް. މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަންކަން. ކޮންމެ ޕްރޮޖެކްޓެއްގެ އަގު ދެގުނަ ތިން ގުނަ އަރައިގެން ދިޔާމަ އެއީ ވިސްނާލަންޖެހޭ ކަމެއް.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމްވަނީ މިއަދުގެ ބައްދަލުވުމުގައި ތަކުރާރުކޮށް ރައްޔިތުންގެ ކިބައިން އާދޭހާއިއެކު އޭނާއަށް މިފަހަރު ވޯޓު ދެއްވުމަށް ދަންނަވާފައެވެ. ޤާސިމަކީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކޮންމެ ވެރިކަމެއްގައިވެސް ރައީސަކު އިންތިޚާބު ކުރުމަށް އެންމެ މުހިންމު ދައުރު އަދާކުރާ ފަރާތެވެ. ނަމަވެސް މިހާތަނަށް ޤާސިމަށް އަދި ވެރިކަމައި ހަމައަށް އަދެވޭ ގޮތް ވަނީ ނުވެފައެވެ.
ކޮމެންޓު ފޮނުވާ