ބޮލުން އިސްތަށި ފޭބުމަކީ ތަފާތު އެކި ސަބަބުތަކާހުރެ ގިނަ ބަޔަކަށް ކުރިމަތިލާންޖެހޭ މައްސަލައެކެވެ. އިސްތަށިގަނޑަށް ބެނުންކުރެވޭ ޕްރޮޑަކްޓެއްގެ ސަބަބުން ނޫނީ މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ހޯމޯނަށް އަންނަ ބަދަލުތަކާ ގުޅިގެންވެސް މި މައްސަލަ ކުރިމަތިވެއެވެ. މިކަން ހައްލުކުރުމަށްޓަކައި އަގުބޮޑތި ޝޭމްޕޫތަކާ ކުރީމްތަށް ބޭނުންކުރުމުގެ ބަދަލުގައި ހަރަދުކުޑަ ގޭގައި ތައްޔާރުކޮށްލެވިދާނެ އެތަށް ފަރުވާތަކެއް އެބަހުއްޓެވެ.
- ބަރަބޯ އޮށްތެޔޮ
މި ތެޔޮތައްޔާރު ކުރުމަށްޓަކައި ބޭނުންވަނި 100ގ ބަރަބޯ އޮށް، 200ގ މަސްޓަޑް އޮއިލް އަދި 100ގ އާމްލާ އޮއިލްއެވެ. ބަރަބޯ އޮށްކޮޅު އަވިން ހިއްކާލުމަށްފަހު މުގުރާލާށެވެ. ބަރަބޯ އޮށުގެ ޕައުޑަރު މަސްޓަޑް އޮއިލްގެ ތެރޭގައި ކައްކާށެވެ. ރަނގަޅަށް ހޫނުވުމުން އޭގެތެރެއަށް އާމްލާ އޮއިލްކޮޅު އަޅާލުމަށްފަހު ހިހޫކުރަން ބަހައްޓާށެވެ. ހިހޫވުމުން އެހުރީ ތައްޔާރުވެފައެވެ. އާއްމުކޮށް ބޭނުންކުރާ ތެލެއްގެ ގޮތުގައި އޭރުން ބޭނުންކުރެވޭނެއެވެ.
- ކާށި އަދި ލުބޯ ހެއާ ޕޭސްޓް
މި ޕޭސްޓް ތައްޔާރުކުރުމަށް ބޭނުންވާނީ 50 އެމްއެލް ކާށިތެޔޮ، 50 އެމްއެލް ސެސޭމް އޮއިލް، 25 އެމްއެލް ކާސްޓާ އޮއިލް، 15ގ ލޮނުމެދު( މުގުރާފަ)، 15ގ އިނގުރު (މުގުރާފަ) އަދި ދެ ސައިސަމުސާ ލުނބޯހުތެވެ. މި ޕޭސްޓް ތައްޔާރުކުރުމަށްޓަކައި ކާށިތެޔޮ، ސެސޭމް އޮއިލްއަދި ކާސްޓާ އޮއިލްކޮޅު އެއްކޮށްލުމަށް ފަހު 3 މިނެޓު ވަންދެން ކައްކާށެވެ. އަދި އޭގެތެރެއަށް އިނގުރު، ލޮނުމެދު ގެ އިތުރުން ލުނބޯހުއިތް އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު ބާލާށެވެ. ހިހޫ ވުމުން ބޮލުގައި ހާކާށެވެ. އަދި ދެ ގަޑިއިރެއްހާ އިރު ވަންދެން މަޑުކުރުމަށްފަހު ދޮވެލާށެވެ.
- މިރުސްތެޔޮ
މި ތެލަކީ އާންމުގޮތެއްގައި ބޮލުގައި އިސްތަށި އިތުރުކޮށްދިނުމަށް އެހީތެރިވެދޭ ތެލެކެވެ. މިތެޔޮ ތައްޔާރުކުރުމަށް ބޭނުންވަނީ 50ގ ކަރަންފޫ ޕައުޑަރު، 15ގ ހިކި މިރުސް ޕައުޑަރު، 50ގ ފޮނިތޮށި ޕައުޑަރު އަދި 100ގ ކާށިތެލެވެ. ކާށި ތެޔޮކޮޅު ކުޑަކޮށް ހޫނުކޮށްލުމަށްފަހު ބާކީ ހުރި އެއްޗެހި އެއްކޮށްލާށެވެ. ނިދުމުގެ ކުރިން އެ ތެޔޮފޮދު ބޭނުންކޮށްގެން ރަނގަޅަށް ބޯ މަސާޖުކޮށްލާށެވެ. އެއަށްފަހު ރޭގަނޑު އެއްކޮށް ބެހެއްޓުމަށްފަހު ހެނދުނު ތެދުވެ ރީތިކޮށް ދޮވެލާށެވެ.