އެމްޕީއެލް ރީ-ބްރޭންޑްކޮށް ލޯގޯ އާއި ކުލަ އަދި ބްރޭންޑިން ލޯންޗްކޮށްފި

އެމްޕީއެލް ރީ-ބްރޭންޑްކޮށް ލޯގޯ އާއި ކުލަ އަދި ބްރޭންޑިން ލޯންޗްކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ރީބްރޭންޑްކޮށް ކުންފުނީގެ އާ ލޯގޯ އާއި ކުލަ އަދި ބްރޭންޑިން ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މިއީ އެމްޕީއެލްގެ 36 އަހަރުގެ ތާރީޚްގައި އެ ކުންފުނި ރީބްރޭންޑްކުރި ފުރަތަމަ ފަހަރެވެ. ކުރިން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައި ހިންގުމަށްފަހު 2008 ވަނަ އަހަރު އެމްޕީއޭ ކޯޕަރަޓައިޒްކޮށް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުވިއެވެ. އެކަމަކު މިހާތަނަށް އެމްޕީއެލް އިން ވެސް ބޭނުންކުރަމުން އައީ މީގެ 27 ވަރަކަށް އަހަރުކުރިން އެމްޕީއޭ އިން ބޭނުންކުރި ލޯގޯއެވެ.

އެމްޕީއެލްގެ އާ ލޯގޯ އާއި ކުލަ ރަސްމީކޮށް އިފްތިތާހުކުރީ ރޭ އެފްއޭއެމްގެ ދަނޑުގައި ބޭއްވި އެ ކުންފުނީގެ އަހަރީ ސްޓާފް ނައިޓްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، 27 އަހަރު ވީ ލޯގޯ ބަދަލުކޮށް، ކުންފުނި ރީބްރޭންޑްކުރީ ޕޯޓުގެ ޚިދުމަތް ޒަމާނީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައިކަމަށެވެ.

ޝާހިދު ވިދާޅުވީ، ޕޯޓުގެ ޚިދުމަތައް ކުރިއެރުންތަކެއް ލިބިއްޖެކަމަށާއި ވަރަށް ގިނަ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް ކުންފުނީގެ ބްރޭންޑް އިމޭޖް އަދި ބްރޭންޑިންގ އެއް ހެދުމަށް އެއްވެސް މަސައްކަތެއް އޮތީ ނުކުރެވިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ފާއިތުވި 4 އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކޯޕަރޭޓް ގަވަނަންސް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެމްޕީއެލްއިން ބުނީ ރީބްރޭންޑިންގއަށް ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ޕޯޓު އޮޕަރޭޝަންގެ އެކި ދާއިރާތަކާއި ގުޅޭގޮތުން ޔުނީފޯމު ތައްޔާރުރުންކަމަށެވެ.

އެގޮތުން ޒަމާނީ ޕޯޓުތަކުގައި މިހާރު ބޭނުންކުރާގޮތަށް ޕޯޓުގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު ވަކިން ވެސްޓް ލާންނުޖެހޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މިހާރު ތައްޔާރުކޮށްފައިވާ ޔުނިފޯމްތަކުގައި "ހައި ވިޒިބިލިޓީ" ފަށްތައް ހިމެނިފައިވާނެކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *