އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަކީ ސިޔާސީ އެއްވެސް ޕާޓީއަކުން ކައިރިވާން ހެޔޮވަރު ޕާޓީއެއް ނޫންކަމަށް ޕީޕީއެމްއާއިއެކު ގިނަ ދުވަސް ވަންދެން ކޯލިޝަން ހަދައިގެން މަސައްކަތް ކުރި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ގުރައިދޫގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިޖަލްސާގައި ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މައުރޫފް ވިދާޅުވީ ސިޔާސީ އެއްވެސް ބަޔަކާއިއެކު ޕީޕީއެމްއަށް މަސައްކަތް ނުކުރެވެނީ އެޕާޓީން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުންކަމަށެވެ.
މިހާރުވެސް މަސައްކަތް ކުރަނީ ހަމައެކަނި ރައީސް ޔާމީން ނެރެން ކަމަށާއި، އެނޫން މީހަކު ޕީޕީއެމްއަށް ނުހޯދޭ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީއޭއިން ޕީޕީއެމްއާއި އެކު ކުރި މަޝްވަރާ ތަކުގައި އެޕާޓީއާއި ދުރަށް ދިޔައީ ރައީސް ޔާމީންނަކީ ކެނޑިޑޭޓް ކަމަށް ބުނި ހިސާބުންކަމަށެވެ.
ވިދާޅުވީ، ޗާގޯސް މައްސަލައާ ގުޅުވައިގެން ވެސް އެކިއެކި ސިޔާސީ ޕާޓީތަކުން ޕީޕީއެމްއާއެކު ނުކުތް ކަމަށެވެ. އެގޮތުން ދަ ޑިމޮކްރެޓްސްވެސް ޗާގޯސް މައްސަލައާ ގުޅުވައި ޕީޕީއެމްއާއެކު ނުކުތް ނަމަވެސް، އިންޑިއާ އައުޓް ކެމްޕޭން ޖެއްސުމާއެކު އެބޭފުޅުންވެސް ޕީޕީއެމްއާ ދުރުވި ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕީޕީއެމްއަކީ އެއްވެސް ބަޔަކު ކައިރިވާން ހެޔޮވާވަރުގެ ޕާޓީއެއް ނޫން ކަމަށެވެ.
މިއަދު އަޅުގަނޑު ދަންނަވާނީ، ކަރަންޓީން ކުރަންޖެހޭ ޕާޓީއެކޭ ޕީޕީއެމްއަކީ. އެއީ ކުރީ ޒަމާނުގަ ވެސް ތޯއޫނު ބަލި އުފެދިއްޖެއްޔާ އެބައިމީހުންނާ އެއްވެސް ބަޔަކު ކައިރިއެއް ނުވާނެ. އެހެންވީމަ މިއަދު ސިޔާސީގޮތުން އަޅުގަނޑު ބުނާނީ އެއްވެސް ބަޔަކު ޕީޕީއެމްއަކާ ކައިރިނުވާނޭ.
– މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މިއަދުގެ ރައީސަކީ ރާއްޖެއަށް ހަމަހިމޭންކަމާއި، އަމާންކަމާއި އުފާވެރިކަން ގެނެސްދެއްވާ ބޭފުޅެއް ކަމަށެވެ. އަދި އެކަން މިއަދު ރައްޔިތުން ވެސް ބަލައިގަންނަ ކަމަށާއި، އެކަން މުޅި ރާއްޖެއިން ފެނިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމާއި މިވެރިކަމުގައި ހުރި ތަފާތުތައްވެސް ކިޔާދީފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހުރިހާ ސިޔާސީ މީހުންނާއި، ފަނޑިޔާރުންނާއި އެނޫންވެސް ސަރުކާރާއި ދެކޮޅު ވިސްނުން ގެންގުޅު ކޮންމެ މީހަކަށް ހައްގު މިންވަރަކީ ޖަލު ކަމަށް މައުރޫފް ވިދާޅުވިއެވެ. ނަމަވެސް މިއަދު ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް އަދި ސިޔާސީ މީހުންނަށްވެސް ސަރުކާރަށް ފާޑުކިޔައި ކޮންމެ ކަމެއް ކުރުމަށް ތަންމިނަށް ޖާގަ އޮތްކަމަށެވެ.