ކުރީގެ ނާމާން ދުވަސްތައް އަލުން އަންނާކަށް ބުއްދި ސަލާމަތުންހުރި އެކަކުވެސް ނޭނދޭނެ ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޝައިޚު އިޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިން އިފްތިތާހު ކުރުމަށް ފޯކައިދޫގައި ރައީސް ޞާލިހު ދެއްކެވި ވާހަތަކަށް ތާއީދު ކުރައްވައި ކުރެއްވި ޓުވީޓުގައެވެ. ރޭ ރައީސް ޞާލިހު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުން އުޅުއްވި ގޮތާއި މިހާރާއި އަޅާ ކިޔާފައެވެ. އަދި އޭރު އޮތް ނާމާން ދުވަސްތަކަށް އަލުން ދާން އެދޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަތަކަށް ތާއީދު ކުރައްވާ ޑރ.ިއިޔާޒު ވިދާޅުވީ، ރައީސް ޞާލިހު ވިދާޅުވި ފަދައިން މީގެ ކުރިން ރާއްޖެ ދެކުނު އަނިޔާވެރި ނާމަން ދުވަސްތަކަށް އަލުން ދާން އެދޭނެ ހަމަބުއްދި ހުރި އެއްވެސް މީހަކު ބޭނުން ނުވާނެކަމަށެވެ.
ރޭގެ ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް އިމްރާންވެސް ވަނީ ރައީސް ޔާމީންގެ ވެރިކަމުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވާފައެވެ. އިމްރާން ވިދާޅުވީ ރާއްޖެ ދެކެމުން މިދާ ހުރިހާ އުފަލަކާއި ހުރިހާ ތަރައްގީއަކާއި ކުރިއެރުމެއް ގެނެސްދެނީ ރައީސް ސޯލިހުގެ ކޯލިޝަންގައި އެންމެން އެކުވެ ބައިވެރިވެގެން މިއަދާ ހަމައަށް ތިބުމުން ކަމަށެވެ.
ށ. އަތޮޅުން ކޯލިޝަންގެ ސަޕޯޓަރުންގެ ދެއްކި ފޯރި ރާއްޖޭގެ އެހެން ރަށްރަށުން ކުރިއަށް އޮތް 60 ދުވަހުގައި ދައްކުވައިފި ނަމަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ރައީސް ސޯލިހު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ