މީމު އެއާޕޯޓުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

މީމު އެއާޕޯޓުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
10 ޖުލައި 2023 11:09
0

މުލަކަތޮޅުގައި ތަރައްޤީކުރާ "މީމު އެއަރޕޯޓް" ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މި އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރު އޮކްޓޯބަރު މަހުއެވެ. މ.އަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް ސަރަޙައްދުތަކުން އެއް ސަރަޙައްދެވެވެ. އެއަރޕޯޓް ތަރައްޤީކުރަނީ އަތޮޅުގެ ވެރިކަންކުރާ ރަށް މުލީގައެވެ. މީމު އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށް ތަރައްޤީކުރާ އެއަރޕޯޓް މަސައްކަތަށް ރަށުގެ ފަޅުން އިތުރު 14 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

އެމްޓީސީސީން މިއަދު ބުނީ މީމު އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އެއަރޕޯރޓް ގޮނޑުދޮށުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށާއި، ފަޔަރ ރޯޑާއި ފަޔަރ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައްވެސް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މީމު އެއަރޕޯޓުގެ ރަންވޭއަކީ 1200މީޓަރު ދިގު، 30މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގެ އިތުރުން ޓެކްސީވޭއާއި، ފްލައިޓް ޕާކިން އޭރިއާއަކާއި، ޓަރމިނަލް އިމާރާތް އެޅުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢުއަކީ 221 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުއެކެވެ.

މ.އަތޮޅަށް މިހާރު ދަތުރުކުރަނީ ލޯންޗުފެރީތަކުގައެވެ. އެއަރޕޯޓާއެކު ދަތުރުފަތުރު ލުއިވުމުގެ އިތުރުން، ރަށަށް އިޤްތިޞާދީ ބޮޑު ބަދަލެއް އަންނާނެކަމަށް ރަށު ކައުންސިލުންވެސް ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.