މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގެ ދައުވަތު މިއަދު ހަވީރު ދެއްވުމުން މަޖިލީހުގެ މެޖޯރިޓީ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެދުުނު ގޮތަށް، ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބާއްވަންވަނީ ތާވަލުކޮށްފައެވެ. މާދަމާ ހެނދުނު ބާއްވާ އެެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތް ހަމަ އެކަނި ކަމަކީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތް ނިންމުމުގެ މައްސަލައެވެ.
ޖަލްސާ ބާއްވާ ދަނޑިވަޅަކީ ސްކޫލު ޗުއްޓީއާއި، އީދު ބަންދަށްފަހު މެމްބަރުންވެސް އަދި ދާއިރާގައާއި، ރާއްޖޭން ބޭރުގައި ތިބި ދުވަސް ވަރަކަށް ވުމުމުން ޖަލްސާ ބައްވާ ދިިން ކުރު ނޯޓިސް އާއިމެދު މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ މަޖިލީހުގެ ވަޓްސް އަޕް ގްރޫޕުގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެގޮތުން ބައެއް މެމްބަރުން ވަނީ މިއީ ކިހިނެތް ވާ ކަމެއްތޯއާއި، މިހާ ކުރު ނޯޓިސްއެއްގައި ނޫނީ މިކަން ކުރެވެން ނެތްތޯ މަޖިލިސްގެ ރައީސާއި ސުވާލު ކުރައްވާފައެވެ.
މިއަހަރުގެ ދެވަަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ ކޮމިޓީތަކުގެ އެކުލެވުމާ މެދު ގޮތެއް ނުނިމި އޮތުމުން، އެކަމާ ގުޅުވައި އެހެން ބައެއް މައްސަލަތައް ކުރިއަށް ނުގެންގޮސް އޮއްވައެވެ. ކޮމިޓީތަކުގެ މައްސަލައާ ގުޅުވައި ކުރިއަށް ނުގެންގޮސް އޮތް އެއް މައްސަލައަކީ މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައި އޮތް މައްސަލައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ވެސް އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ.
ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އެދި 29 މެމްބަަރެއްގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން، މަޖިލީހުގެ ތިންބައިކުޅަ އެެއްބައި މެމްބަރުން އެދިވަޑައިގެންފި ނަމަ 14 ދުވަހެ ތެރޭގައި އެ ޖަލްސާ ބާއްވަން ޖެހެއެވެ. އެމްޑީޕީން އެފަދަ ޖަލްސާއަކަށް އެދުނުތާ މިވީ 10 ދުވަހެވެ.