ފާސިގުންގެ ފަރާތުން ލިބޭނީ ގެއްލުމާއި ހަލާކު ކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތިން މަހަށް ވެފައި ވަނިކޮށް ކާށިދު ދާއިރާގެ މެމްބަރު ޖާބިރު އެމްޑީޕީއަށް ސޮއިކޮށް އެކަން ފާހަގަ ކުރުމަށް ބޭއްވި ބޮޑު ރަސްމިއްޔަތަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓުގައެވެ.
ޝައިޚު ޒައިދު ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އެމްޑީޕީއަށް ސޮއި ކުރުމަކީ އެކަމާއި އުފާ ކުރަންވީ ކަމެއް ނޫންކަމަށެވެ. މާތް ރަސްކަލާންގެ ހަރާމް ކުރައްވާފައިވާ އެތައް ކަމަކަށް ހިތްވަރު ދެއްވި ބޭފުޅަކު އެމްޑީޕީއާއި ގުޅުމަކީ އެކަމުގެ ހިތާމަ ކުރަންޖެހޭނެ ކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ. އަދި އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމަށް ހިތްވަރުދޭ މީހުންނަކީ ފާސިގުން ކަމަށާއި، އެފަދަ މީހުންލައިގެން ލިބޭނީ ގެއްލުމާއި ހަލާކު ކަމަށް ޒައިދު ވިދާޅުވިއެވެ.
އެއީ އެ ދާއިރާއަށާއި މުޅި ގައުމަށްވެސް ހުރި ހުތުރެއް! ކެސީނޯއަށް ވަކާލާތުކުރާ މީހުންނަކީ މުޖުތަމަޢުގައި ފަސާދަ އުފައްދަން ބޭނުން މީހުން! މާތް ރަސްކަލާންގެ ޙަރާމްކުރެއްވި ޖުވާ ނުފެތުރިގެން އުޅޭ މީހުންނަކީ ފާސިޤުން! ފާސިގުންގެ ފަރާތުން ލިބޭނީ ގެއްލުމާއި ހަލާކު!
– ޒައިދު ވިދާޅުވިއެވެ.
ޖާބިރަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައިވެސް ރާއްޖޭގައި ކެސިނޯ އަޅަން ހިތްވަރު ދެއްވައި ވާހަކަ ދައްކަވާފައިވާ ބޭފުޅެކެވެ. އަދި ޖުވާ ކުޅުމާ ބަނގުރާ ބުއިންފަދަ ކަންކަމަށް ހިތްވަރުލިބޭ ފަދަ ވާހަކަތަކެއް ޖާބިރު ވަނީ މަޖިލީހުގައި ދައްކަވާފައެވެ. ޖާބިރު ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރަން ބޭނުންނަމަ ކެސިނޯ އަޅަން ހުއްދަދޭން ޖެހޭކަމަށެވެ.
ޖާބިރު ފުރަތަމަ މަސައްކަތް ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާށެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބެއް ނުކުރެއްވުނެވެ.
ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ޤާނޫނުގައި އޮންނާތީ ޖާބިރު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެން އެމައްސަލަ ކާމިޔާބު ކުރައްވާފައެވެ.