އެތައް އަހަރެއް ވަންދެން ގުޅުން ގޯސްވެފައިވާ، އަރަބި ދެގައުމު ކަމުގައިވާ އިރާންއާއި ސައުދީ އަރަބިއާގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމްކޮށް، ދެގައުމުން ގުޅުން އާންމު ހާލަތަކަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަަށުން ދެގައުމުގެ ޚާރިޖީ ވަޒީރުން އިރާންގެ ވެރިރަށް ތެހެރާންގައި ބައްދަލު ކޮށްފިއެވެ.
މިގޮތުން ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދުއަށް އިރާންގެ ފޮރިން މިނިސްޓްރީގައި މަރުހަބާ ވިދާޅުވެފައިވަނީ އިރާންގެ ޚާރިޖީ ވަޒީރު ހުސެއިން އާމިރަބްދުއްލާހިއާންއެވެ.
މި ދަތުރު ފުރުގައި ސައުދީގެ ޚާރިޖީ ވަޒީރު އިރާންގެ ރައީސް އިބުރާހިމް ރައީސީއާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސައުދީ ޚާރިޖީ ވަޒީރު އިރާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ ވުމަށް ދެ ޚާރިޖީ ވަޒީރުންވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ވިދާޅުފައިވަނީ، މިއީ އަރަބި ބައްރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައެވެ.
އެތައް އަހަރެއްވަންދެން ސައުދީ އަރަބިއާއާއި އިރާނާދެމެދު އޮތް ހަތުރުވެރިކަން ނިމުމަކަށް ގެނެސް، އަލުން ގުޅުންތައް ގާއިމް ކުރުމަށް ދެގައުމުން އެއްބަސްވެ، ދެގައުމުގައި އެމްބަސީތައްވެސް ހުޅުވުމަށް އެއްބަސްވެފައިވަނީ ފާއިތުވި މާރޗްމަހުއެވެ.
އިރާނާއި ސައުދީއާދެމެދު އަލުން ގުޅުންތައް ގާއިމް ކުރުމަށް އެހީތެރިވެދީފައިވަނީ ޗައިނާގެ ރައީސް ޝީ ޕިންގގެ އެހެއެވެ. އެއީ ޗައިނާ މެދުވެރިވެ، ދެގައުމުގެ ދެމެދުގައި ބޭއްވުނު މަޝްވަރާތަކަށްފަހުއެވެ. އަދި މިއީ އެމެރިކާ ބާކީކޮށް، ޗައިނާއިން ސީދާގޮތެއްގައި މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ގާއިމް ކޮށްފައިވާ ސުލްހައަކަށް ވާތީ، މި ސުލްގައިގެ އެއްބަސްވުން ވެގެން ދިޔައީ ގިނަބަޔަކަށް ލިބިގެންދިޔަ ކުއްލި ހައިރާންކަމަކަށްވެސް މެއެވެ.
ސައުދީ އަރަބިއާއިން އިރާނާއެކީ އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވަނީ 2016 ވަނަ އަހަރު، އިރާނުގައި ހުންނަ އެގައުމުގެ އެމްބަސީއަށް ހަމަލާދީ ރޯކޮށްލުމާއި ގުޅިގެންނެވެ.