އިންޑިއާގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއަށާއި އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ސާލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް ސާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިހަދިސާގައި މަރުވި މީހުންގެ އެންމެހާ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށާއި، ހެޔޮ ދުއާތައްވަނީ އިންޑިއާ ސަރުކާރާ އަދި އެގައުމުގެ ރައްޔިތުންނާ އެކު ކަމަށެވެ.
Saddened to hear of the tragic train crash in India’s Odisha State. On behalf of Maldivians, I offer our deepest sympathies to those affected by this tragedy. My thoughts and prayers are with PM @narendramodi, the Government and people of India during this difficult time.
— Ibrahim Mohamed Solih (@ibusolih) June 4, 2023
އިރުމަތީ އިންޑިއާގައި ދުއްވަމުންދިޔަ ދެ ރޭލެއް ދަގަޑުން ކައްސާލައި، ކާގޯއާއެކީ ދަތުރުކުރަމުންދިޔަ ރޭލަކާއި މުޑިއަރާ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 288 މީހަކު ވަނީ މަރުވެފައެވެ. މިއީ އިންޑިއާގެ ފަހުގެ ތާރީޚުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.
މިއެކްސިޑެންޓް ހިގާފައިވަނީ، އޮޑިޝާ ސްޓޭގެ ބަލަސޯރު ޑިސްޓްރިކްޓްގައެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި އެކްސިޑެންޓުގައި 800 މީހުންނަށް ވަނީ އަނިޔާ ވެފައެވެ.
އޮޑިޝާ ސްޓޭގެ ސިވިލްސާވިސްގެ އެންމެ އިސްވެރިޔާ ޕްރަދީޕް ޖެނާ ވިދާޅުވެފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދިއުމަކީ އެކަށިގެންވާ ކަމެކެވެ.
އެކްސިޑެންޓަށްފަހު އާންމުވެފައިވަ ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވެ ހަލާކުވެފައިވާ ރޭލުގެ ބައިތަކުގެ މައްޗަށް މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ވަނީ ފެނިފައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ފާއިތުވި ހުކުރުދުވަހު އިންޑިއާގެ ގަޑިން އިރުއޮއްސި 7 ޖަހާކަންހާއިރު އެވެ. އެކްސިޑެންޓުގައި މުޑި އަރާފައިވަނީ، ބެންގަލޫރުން ވެސްޓް ބެންގާލްގެ ހޯރާއަށް ދަތުރު ކުރަމުންދިޔަ ހޯރާ ސުޕަރފާސްޓް އެކްސްޕްރެސް، ކަލްކަތާއިން ޗެންނާއިއަށް ދަތުރު ކުރަމުންދިޔަ ކޮރޯމާންޑެލް އެކްސްޕްރެސްއާއި މުޑި އަރައިގެންނެވެ.
މިހުން ސަލާމަތްކުތާ ފަރާތަކުންވަނީ އެކްސިޑެންޓުގައި އަނިޔާވި މީހުން ސަލާމަތް ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ލޯންޗު ކޮށްފައެވެ.