އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ސީޒަނުގައި ހޯދާފައިވާ މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރުކޮށް، ބްރައިޓަން އިން އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ލީޑް ނެގީ ސިޓީންނެވެ. ސިޓީއަށް ލީޑް ނަގައިދިނީ މިސީޒަންގައި ޢާއްމުކޮށް ފުރަތަމަ އެގާރައިން ޖާގަ ނުލިބޭ ފޮޑެންއެވެ. އޭނާއަށް ލަނޑުޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ހާލަންޑެވެ. މެޗުގައި ހާލަންޑް ގޯލެއްވެސް ޖެހިއެވެ. އެކަމަކު ވީއޭއާރުން ބެލުމަށްފަހު ގޯލް ބަލައިނުގަތީ އެޓޭކްގައި ފައުލްކޮށްފައިވާތީއެވެ. ހާފް ނިމުމުގެ ކުރިން ބްރައިޓަންއިން ނަތީޖާ ހަމަހަމަކުރީ 19 އަހަރުގެ އެންސީސޯ ޖެހި ލަނޑުންނެވެ.
ސިޓީ އަތުން ޕޮއިންޓް މިގެއްލުނީ ވިދިވިދިގެން 12 މެޗުން މޮޅުވުމަށްފަހުއެވެ. އަދި މެޗުން ޕޮއިންޓް ގެއްލުނު އިރު ސިޓީން ވަނީ ލީގު ޗެމްޕިއަން ޓްރޮފީވެސް އުފުލާލާފައެވެ.
ސިޓީން ލީގު ތަށި އުފުލާލި ފަހުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު އަތުން ހޯދި ޕޮއިންޓާ އެކު ބްރައިޓަން އޮތީ ލީގުގެ ހަ ވަނައިގައެވެ. އެއީ 37 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. ހަތް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ދެން ބްރައިޓަން އަށް ވުރެ ކުރި ހޯދޭނެ ގޮތެއް ނެތުމާ އެކު، ބްރައިޓަން އަށް ގަދަ ހައެއް ޔަގީންވެ، އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ފަހިވީއެވެ.