މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ކަރަންޓު ގުޅައި ދިނުމަށް ސްޓެލްކޯއާއި ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދަނީ 15 ބުރީގެ 3 ޓަވަރެެވެ. ފްލެޓްތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ފްލެޓްތައް ހަވާލުކުރުމުގެ އެންމެ ފަހު މަރުޚަލާގެ މަސައްކަތްތަކެވެ. އެމްޕީއެލްގެ 3 ޓަވަރުގައި ޖުމްލަ 534 ޔުނިޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ.
އެމްޕީއެލް ތަރައްޤީކޮށްފައިވާ ފްލެޓްތައް މިދިޔަމަހު ހަވާލުކުރުމުގެ ތައްޔާރީތައްވަމުން އަންނަކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވި ނަމަވެސް މިމަހުގެ މިހާތަނަށްވެސް އެކަން ވެފައި ނުވެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 15 ބުރީގެ 3 ޓަވަރަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރުމާއިގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއި ކޮށްފައި. pic.twitter.com/pv0v273J8Z
— STELCO (@STELCOMALDIVES) May 21, 2023
ފްލެޓް ހަވާލު ކުރާނެކަމަށް ވިދާޅުވިތާ މަހެއްހާ ދުވަސްފަހުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 15 ބުރީގެ 3 ޓަވަރަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރުމާއިގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ އިއްޔެގައެވެ.
އެމްޕީއެލްގެ ފްލެޓްތައް މުވައްޒިފުންނާއި ހަވާލު ނުކުރެވުނު ނަމަވެސް ކަނޑައެޅިފައިވާ ތާރީހުތަކަށް ދަނީ އެޑްވާންސަށް ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންނެވެ. ގިނަ މުވައްޒިފުން ބޮޑެތި ލޯނުތައް ނަގައިގެން ފައިސާ ދައްކަމުންދާއިރު، ފްލެޓްތައް ލިބޭނެ ދުވަހެއް ކުންފުނީގެ މެނޭޖްމަންޓަށް ދަންނަވަން ނޭގެއެވެ.
މިކަމުގައި އެމްޕީއެލް މުވައްޒިފުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ފްލެޓްތަކަށް ކަރަންޓު ގުޅައި މިހާރު ހުރި މަސައްކަތްތައް ނިންމުމަށްފަހު ފްލެޓްތައް މިދައުރުގެ ތެރޭގައިވެސް ހަވާލު ކުރެވޭނެކަމަށް ކުންފުނީގެ މުވައްޒިފުން ނުދެކެއެވެ.