ރާއްޖޭގެ ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިހާރު އިދިކޮޅުގައި އޮތް ޕާޓީ ޕީޕީއެމްގެ މިސްރާބު ހުރީ އަނދިރި ދިމާއަކަށް ކަމަށާއި އެ ގޮތުގައި ކުރިއަށްދާނަމަ ޕާޓީ ވުޖޫދުން ފޮހެވުމުގެ ފުރުސަތު ވެސް ބޮޑުކަމަށް އެމްޑީޕީއާއެކު ކޯލިޝަންގައި އޮތް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ.
ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާއިއެކު ކޯލިޝަން ހަދައިގެން އެކީގައި ގިނަ މަސައްކަތްތަކެއް ކުރި އެމްޑީއޭއިން ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއިއެކު ކޯލިޝަން ހަދާފައެވެ. އެމްޑީއޭގެ އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒު ވަނީވެސް ކުރީގެ ކޯލިޝަން ބައިވެރިއާ ޕީޕީއެމްއަށެވެ.
މައުރޫފްގެ ވާހަތަކަށް ރައްދު ދެއްވައި ސަލީމް ވިދާޅުވީ ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫންކަމަށެވެ. އެކަން ކުރުމަށް މަސައްކަތް ކުރާނަމަ އެކަން ކުރަނީ މޮޔަ ބައެއް ކަމަށާއި، ވުޖޫދުން ފޮހެވޭނަމަ ފޮހެވިގެންދާނީ އެކަމަށް މަސައްކަތް ކުރާ ޤަމާރުންކަމަށް ސަލީމް ވިދާޅުވިއެވެ.
ޕީޕީއެމް ވުޖޫދުން ފޮހެ ނުލެވޭނެ. ވުޖޫދުން ފޮހެ ވިގެންދާނީ އެކަން ކުރަން މަސައްކަތް ކުރާ ގަމާރުން:
– ސަލީމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީން ވާދަކުރާ ބޭފުޅެއްކަމަށް ކަނޑައަޅާފައިވަނީ ރައީސް ޔާމީނެވެ. ނަމަވެސް ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގެ ސަބަބުން އިންތިޚާބުގައި ވާދަކުރުމުގެ ޖާގަ ވަނީ ބަންދުވެފައެވެ. ނަމަވެސް އިސްތިިއުނާފީ މަރުހަލާއަށްފަހު ސްޕްރީީމް ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ޖާގަވެސް އެއްކޮށް ބަންދެއް ނުވެއެވެ.
ޕީޕީއެމްއިން ބުނަމުންދަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނީ ރައީސް ޔާމީން ކަމަށެވެ. ނަމަވެސް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވަމުންދަނީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުސަތު ވަރަށް ހަނިކަމަށެވެ.
One Response
މައުރޫފުމެން އެބުރެނީ ޝިޔާމުގެ ވަށައިގެންނޫންތަ. ފުވައްމުލަކުން މޮޔައިންގެސަރުދާރުގެ ވަށައިގެންނޫންތަ.