ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެޕާޓްމަންޓުތަކުގެ ވެރިފަރާތް ކޮށްފައިވާ 200،000 ރުފިޔާގެ ޖޫރިމަނާ ނުދައްކާ އަދި ތަޅާލި ފާރުވެސް ގޭގެ ވެރިފަރާތުން ނުރޭނުމުން، އެއްކޮށްލި ދެއެޕާޓްމަންޓް ހުސްކުރުމަށް އެތަނުގެ ވެރިފަރާތަށް އާބަންކޯއިން 14 ދުވަހުގެ މުހުލަތެއް ދީފިއެވެ.
އާބަންކޯގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އާބަންކޯއިން އެޕާޓްމަންޓުގެ ވެރިފަރާތަށް އާންގާފައިވަނީ ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ތަން ހުސްކުރުމުގެ އިތުރުން، މިހާތަނަށް އެޕާޓްމަންޓްތަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިމަހުގެ ނިޔަލަށް ދައްކާ ޚަލާސް ކުރުމަށް ކަމުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް ކޮށްލި ދެ އެޕާޓުމަންޓުގެ ތެރެއިން އެއް އެޕާޓްމަންޓުގެ ވެރިފަރާތަކީ ހިޔާ ފްލެޓްތަކުގައި ދިއުޅެމުންދާ މީހުންގެ ނަމުގައި އުފައްދާފައިވާ "ހިޔާ ޔޫނުއަން"ގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަމާލްއެވެ. އެއްކޮށްލި އަނެއް އެޕާޓްމަންޓުގައި ދިރިއުޅެމުންދަނީ އޭނާގެ އާއިލީ ބައެއްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މެދުފާރު ތަޅާލުމަށްފަހު އެއްކޮށްލި ދެ އެޕާޓުމަންޓުން ގަވާއިދުން އާބަންކޯއަށް ކުލިވެސް ދައްކަމުން ނުދާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާއަކީ ހިޔާ ފްލެޓްގެ ކުރި ބޮޑުވެގެން އެންމެ ބޮޑަށް އަޑުއުފުލަމުންދާ އެއްފަރާތްވެސްމެއެވެ.
އާބަންކޯއިން ބުނެފައިވަނީ މިހާރު އަންގާފައިވާ އެންގުންތަކަށް ތަނުގައި ދިރިއުޅެމުންދާ ފަރާތްތަކުން ބޯ ނުލަބައިފިނަމަ އެ ކުންފުނިން ތަނާއި ހަވާލުވާން ދާނެކަމުގައެވެ.
މެދުފާރު ތަޅާލުމަށްފަހު އެއްކޮށްފައިވާ ދެ އެޕާޓްމަންޓުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ވެފައިވާއިރު، ފޮޓޯތަކުން އެގެން ހުންނަ ގޮތުގައި މިއެޕާޓުގެ އިންޓީރިއަރ ހަދާފައިވަނީ އެންމެ ޒަމާނީ ފެންވަރަށެވެ. އަދި މިއެޕާޓްމަންޓުތަކުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އާބަންކޯއިން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް، ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ވަނީ ބަދަލު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ