ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ހިއްސާގެ ފައިދާގެ ގޮތުގައި 40 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
ބީއެމްއެލްއިން ބުނީ، 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 40 ރުފިޔާގެ މަގުން 215،276،800 (ދުއިސައްތަ ފަނަރަ މިލިއަން ދެލައްކަ ހަތްދިހަ ހަހާސް އަށްސަތޭކަ) ރުފިޔާ ބެހުމަށް ބޯޑުން ނިންމާފައިވާކަމަށެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި 40 ރުފިޔާގެ މަގުން ބެހުމަށް ނިންމީ، ބޭންކަށް 40 އަހަރު ފުރުމާއި ގުޅިގެން އިންޓަރިމް ޑިވިޑެންޓްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާ އަދި އިތުރު ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާގެ މަގުންކަމަށް އެ ބޭންކުން ބުނެއެވެ.
އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާގެ މަގުން ޖުމްލަ 107،638،400 (ސަތޭކަ ހަތް މިލިއަން ހަސަތޭކަ ތިރީސް އަށްހާސް ހަތަރުސަތޭކަ) ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ވަނީ ނިންމާފައެވެ. ބީއެމްއެލްއިން ބުނީ އިންޓަރިމް ޑިވިޑެންޑް ލިބޭނީ މިއަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށްކަމަށެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހަން ކަނޑައަޅާ އަދަދު ފާސްކުރުން އޮންނާނީ އަހަރީ އާންމު ޖަލްސާގައެވެ. ބީއެމްއެލްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ހޯލްގައެވެ.